ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިޓްސައިޒްކުރުމުގެ ނަމުގައި އެސްއޯއީތަކުން މުވައްޒަފުން މަދުކުރަނީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ތިބި އަދަދަށް: ފައްޔާޒު

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވާހަކަ ދައްކަވަނީ --
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތައް ”ރައިޓްސައިޒް“ކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ތިން މަސް ތެރޭގައި ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ޕީސީބީން އެންގުމާ ގުޅިގެން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، އިގްތިސާދުގެ ކަންކަން ހަމައަކަށް އެޅުވުމުގެ ގާބިލުކަން ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެކަން ނުވެގެން އުޅެނީ ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކާ ހެދި ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް ނުބައި މަންޒަރެއް ދައްކަމުންދާ ކަމަށެވެ.

”ދިވެހި ރައްޔިތުންނަށް އެ މަންޒަރު ދައްކަވައިގެން ވަޑައިގެން ސަރުކާރުން މި ވިދާޅުވަނީ، ކުރީ ސަރުކާރުގެ ކަންކަމާ ހެދި ތިމަންނައަށް މި އުޅެނީ މިކަން ނުވެގެނެންނޭ. ވެދާނެ ފަހަރުގައި އެހެން ކަމަށް ވެސް. އެހެންނަމަވެސް، އެ ވިދާޅުވީ، ތިމަންނާ އަތުގައި އެބަ ހުއްޓޭ، ރައްޔިތުންނަށް ވައުދުވީ ތިމަންނާއަށް މިކަން ކުރަން އެނގެއޭ، ތިމަންނާއަށް މިކަން ކުރެވޭނެއޭ. ކުރެވޭނެ ހުރިހާ މަގެއް ހުރީ ތަނަވަސްވެފައޭ. އެހެން ކިޔާފައި އައިސް މިއަދު ކުރީ ސަރުކާރޭ ކިޔާފައި މުޅި ގައުމު ފުނޑުފުނޑުވެގެން މިދަނީ،“ ފައްޔާޒު

އެސްއޯއީތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރާނަމަ، 44،645 މުވައްޒަފުންގެ ތެރެއިން 14،733 މީހުން ވަޒީފާތަކުން ވަކިކުރާނެ ކަމަށާއި އެކަމުގެ އަސަރު މަދުވެގެން 50،000 މީހުންގެ ދިރިއުޅުމަށް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދީ އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 20-25 ޕަސެންޓު ކަމަށް އޭނާ އަންދާޒާކުރެއްވިއެވެ. ކަނޑަމުންދާ މުވައްޒަފުންގެ ތެރެއިން 90 އިންސައްތަ ނިސްބަތްވަނީ އެމްޑީޕީއަށް ތާއީދުކުރާ އާއިލާތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން މުވައްޒަފުންގެ އަދަދު މަދުކުރުމުން ކުންފުނިތަކުގައި މުވައްޒަފުން ތިބޭނީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދަށް ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރު ނިމުނުއިރު، ކުންފުނިތަކުގައި ތިބޭނީ ގާތްގަނޑަކަށް 30،000 މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

”މިއަދު ޕީސީބީން މި ބުނަނީ ރައިޓްސައިޒް ކުރަންށޭ. އެހެންވީމާ އަޅުގަނޑު މި މާނަކުރަނީ ރޯންގް ސައިޒްގައޭ މިތިބީ އެސްއޯއީތައް. 14700 މީހުން ނަގާ އެއްލާލާއިރު، ޕީސީބީން ބެއްލެވިތޯ ކީއްވެތޯ ރައިޓްސައިޒް ރޯންގްސައިޒަށް ދިޔައީ. އަޅުގަނޑުމެން ސަރުކާރުގެ ނިމުނުއިރުގެ އަދަދަށް އަނެއްކާ މި ރައިޓްސައިޒް ކުރަނީ،“ ފައްޔާޒު

އޭނާ ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ރޯންގްސައިޒްވީ ސަބަބު ޕީސީބީން ބަލަންޖެހޭ ކަމަށެވެ. ދެ އަހަރުގެ ތެރޭގައި 14733 މުވައްޒަފުން އިތުރުވީ، ކާކުގެ އިހުމާލުންތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސަރުކާރުގެ މައްސަލައެއްތޯ ނުވަތަ އެސްއޯއީތައް ހިންގަން ތިބި ބައެއްގެ މައްސަލައެއްތޯ ބަލަން ޖެހޭ ކަމަށާއި މުވައްޒަފުން ކަނޑަން ޖެހޭނީ ފުރަތަމަ ހިންގަން ތިބި ބައެއްގެ މައްސަލައެއް އޮތްތޯ ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާއިރު، އެކަމުން އިގްތިސާދަށް ކުރާނެ އަސަރެއް ބަލާނުލާ ކަމަށާއި، ކަމާއި ބެހޭ ވަަޒީރުން ތިބީ އަނގައިން ނުބުނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެގޮތަށް ވަޒީފާއިން ވަކިކުރާ މީހުންން އަލުން ތަމްރީނުކޮށް، ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކަށް ދާނެ މަގުޗާޓެއް އޮތްތޯ ވެސް ސާފުނުވާ ކަމަށާއި އެކަން ރައްޔިތުންނާ ހިއްސާކުރަންޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

”ޕްރައިވެޓް ސެކްޓާއަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ ބާއްވައިގެން ދައުލަތަށް މިލިބޭ ލާރި ސިޔާސީ ބޭނުމަށް އިލެކްޝަން ކައިރިވީމާ މި ރޯންގްސައިޒަށް ވަޒީފާތައް އުފައްދައިގެން، އެ މީހުން ރަނގަޅު ތަންތަނުގައި ވަޒީފާ އަދާކޮށްކޮށް ތިއްބައި، ރަށަށް އަންނާށޭ، ފަސޭހަ ވަޒީފާއެކޭ، ސޮއިކޮށްލާފައި ކޮފީ ބޯން ދާ ވަޒީފާ އެބަ ހުއްޓޭ، ވޯޓު ދޭށޭ ކިޔާފައި ބައިވަރު މީހުންތަކެއް ގެނައިމާ އެމީހުން ތިބި ކުންފުނިތައް ހަލާކުވީ، އެ މީހުން އައިސް އެ މީހުން މި ކަނޑާލަނީ އިލެކްޝަން ނިމުނީމަ،“ ފައްޔާޒު

ރާއްޖޭގެ އާބާދީގެ 20-25 އިންސައްތަ މީހުންނަށް އަސަރުކުރާ މިފަދަ ބޮޑު ކަމެއް ނިމިގެންދާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުން އެކަމާ ގުޅިގެން ކުރާ ކަމެއް ސާފުނޫން ކަމަށާއި އެ ކޮމިޝަނުން ވެސް އެކަން ބަލަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ޕާޓީއެއް ނަމަވެސް، ރައްޔިތުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ގައުމު ހަލާކުވެގެންދާ ދިޔުން ހުއްޓުވުމަށް ސަރުކާރާއެކު މަޝްވަރާކޮށްގެން ކުރެވެން ހުރި ކަންކަން ކުރަން އެމްޑީޕީ ތައްޔާރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: