ވައްކަންކުރަނީ އަބަދުވެސް އެއްބައެއްކަމަށާއި، މިހާރު ވައްކަންކުރަމުންދަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައިކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އޮޑިޓިންގެ ދާއިރާގެ ތަޖުރިބަކާރު ބޭފުޅެއްކަމަށްވާ ޒަރިޔަންދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިން ވައްކަންކުރީ ރައްޔިތުންގެ މުދަލުންކަމަށާއި، މިހާރު ވައްކަންކުރަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައިކަމަށެވެ.
މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ، ކުރިން ވެސް އަދި މިހާރު ވެސް ވައްކަންކުރަނީ އެއް ގުރޫޕެއްކަމަށެވެ.
https://twitter.com/zariyand/status/1248155300487544832?s=20
އެހެންނަމަވެސް، މި ތުހުމަތުތަކަކީ ކޮން ބަޔަކަށްކުރާ ތުހުމަތުތަކެއްކަމެއް ޒަރިޔަންދު ހާމަކުރައްވާފައެއް ނުވެއެވެ.
ހަމައެއާއެކު ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަހުސް އޮޅުވާލައިގެން ފޭކް އެކައުންޓުތަކުން އޭނާ ޓްވީޓްނުކުރައްވާނޭކަމަށާއި، ވިދާޅުވާ އެއްޗެއް ވިދާޅުވާނީ، އަސްލު ނަމާއި، އަސްލު ފޮޓޯ ހިމަނުއްވައިގެންކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ، ވިދާޅުވާ އެއްޗަކާއި، އަދާކުރައްވާ މަސްއޫލިއްޔަތަކާއި ގުޅުމެއްނެތްކަމަށާއި، ދެއްކޭނެ ބިރެއް ނޯންނާނެކަމަށެވެ.
https://twitter.com/zariyand/status/1248359950004322306?s=20
މިކަމާއި ގުޅިގެން ޒަރިޔަންދުވަނީ، މިއަދުވެސް ޓްވީޓުތަކެއް ކުރައްވާފައެވެ.
މި ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ކުރިން ކުރެއްވި ”ޓްވީޓް“ އަކާއި ގުޅުވައިގެން ދަޢުލަތުގެ ކަމާބެހޭ މުޢައްސަސާތަކުގެ ވެރިން ގުޅުއްވިކަމަށާއި، އަދި އެ ޓްވީޓްގައި ބަޔާންކޮށްފައިވާނީ، ދަޢުލަތުގެ ނިޒާމުގެ ވާހަކަކަމާއި، ވަކި ފަރުދެއް ނުވަތަ ޝަހްސެއްގެ މައްސަލަނެތުމުން، އެބޭފުޅުން ނިޒާމުގައި ފާހަގަކުރެވޭ މައްސަލަ ކިޔައިދެއްވިކަމަށެވެ.
މީގެ އިތުރުން ޒަރިޔަންދު ވިދާޅުވީ، ކުޑައިރުއްސުރެ ”ރައީސް ނަޝީދު“ އާއި، ”ރައީސް ޞާލިޙް“ ދެނެވަޑައިގަންނަވާކަމަށާއި، އެ ބޭފުޅުންނަށް ވެސް އަޅުގަނޑު އެނގިވަޑައިގަންނަވާނެކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ، އެ ބޭފުޅުންގެ ސަރުކާރަކަށް ދުއްތުރާވާނަމަ، ކުރާކަމަކާއި ގާތްނުވެވޭ ހިސާބެއްގައި ބެހެއްޓެވިކަމުގައިޔަސް ”ވައްކަމުގެ ނިޒާމު“ އާއިބެހޭގޮތުން ކަން އޮތްގޮތަށް ގޮވާނޭކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭކަމަށެވެ.
https://twitter.com/zariyand/status/1248840455300636673?s=20
ޒަރިޔަންދުވަނީ، ”ވިޔަފާރި ކޮމިޔުނިޓީ“ އަކީ 2008 ގެ އިންތިޙާބަށް އައިއިރު، ”ރައީސް ނަޝީދު“ އަށް 10 ވޯޓުވެސް ނުލިބޭނެއޭ ކިޔައި ”ރަތް ޓައީ“ އަޅައިގެން މާރޗްކޮށްފައި ޕާރޓީ ބަދަލުކޮށް، 2008 ގެ އިންތިޙާބު ލިބުމުން ކުލަބަދަލުކޮށް، ތިމާމެންކުރާ ވިޔަފާރި މުދަލުގެ ޑިޔުޓީ ކުޑަކުރުންތޯއޭ ވިދާޅުވެ ސުވާލުވެސް އުފައްދަވާފައެވެ.

