ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ނިންމުން އިތުރު އެއް ހަފުތާ އަށް ދަންމަން ނިންމާ އިސްލާމިކް މިނިސްޓްރީއިން އެކަން އިއުލާނުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން އާއްމުކުރި އިއުލާނުގަިއ ބުނެފައިވަނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދާއި ހަމައަށް ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ އެ ނިންމުން އިސްލާމިކް މިނިސްޓްރީން އަންނަނީ ހަފުތާއަކުން ހަފުތާއަކަށް އިތުރު ކުރަމުންނެވެ.
ވައިރަހުގެ އަސަރު ހުރެ، ބަޔަކު ތަނަކަށް އެއްވާނަމަ ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ވަނީ މިސްކިތްތަކުގައި ބަންގި ގޮވި ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ރަށެއް ލޮކްޑައުން ކޮށްފި ނަމަ، އެ ހާލަތު ނިމެންދެން އެ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދާއި ހުކުރު ނަމާދު ނުކުރާ ގޮތަށެވެ.

