ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން ނިންމާފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި ސުވާލުކުރާނެކަމެއްނެތް ކަމަށާއި، ސުވާލުކުރަންޏާ ހައްދަވާނީ ދޮގުކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢަފީފް ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މިނިސްޓަރު އަމީންއާއި ސުވާލެއްކުރާކަށް ނުފެންނަކަމަށާއި، އެ މައްސަލަ ތަޙުޤީޤުކޮށްފަ އަމީން އެކަމުގަ ޒިންމާވާކަމަށްވަންޏާ ރައްޔިތުންގެ މަޖިލީހުން އޭނާ މަޤާމުން ދުރުކުރަން އިތުބާރުނެތްކަމަށް ވޯޓެއް ނަގަން ފެނިވަޑައިގަންނަވާ ކަމަށެވެ.
”ސުވާލެއް ކުރާކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ފެންނަނީ އެ މައްސަލަ ތަޙުޤީޤުކޮށްފަ އަމީން އެކަމުގަ ޒިންމާވާކަމަށްވަންޏާ ރައްޔިތުންގެ މަޖިލީހުން އޭނާ މަޤާމުން ދުރުކުރުން. އޭނަގެ އިތުބާރުނެތްކަމަށް ވޯޓެއް ނަގަން. ކީއްކުރަންތޯ ކޮން ސުވާލެއްތޯ ކުރަންވީ. ސުވާލުކުރަންޏާ ކޮންމެވެސް ދޮގެއް ހަދާނީ.“ ޢަފީފް
ޢަފީފް ވިދާޅުވީ، ވެންޓިލޭޓަރުތައް ނުގެނެވިގެން ޚަބަރެއް ނުވެގެން ސީދާ ރައީސް ޞާލިޙް ކޯފާވެވަޑައިގެން، އަމީންއާއި ވާހަކަދެއްކެވިކަމަށް މުޢުތަބަރު ފަރާތަކުން ޚަބަރު ލިބިވަޑައިގެންފައިވާކަމަށާއި، ރައީސް ޞާލިޙްއަށް ވެސް އެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ޢަފީފް ވިދާޅުވީ، ވެންޓިލޭޓަރެއްގެ އަގު އުޅެނީ، 25000 ޑޮލަރަށްކަމަށާއި، ނަމަވެސް އެ އަގަށް ލިބެންހުރި އެއްޗެއް ގަންނަން އުޅުނީ 45000 ޑޮލަރަށްކަމަށް މަޢުލޫމާތު ލިބިވަޑައިގެންފާއިވާ ކަމަށެވެ.
މި ގޮތުން، މިހާރު 75 ވެންޓިލޭޓަރުތަކުގެ ފައިސާ ނަގާފައިވާކަމަށާއި، ބައިއަޅަންވާ ފަރާތްތަކަށް މިހާރު ބައިއަޅާ ވެސް ނިމިއްޖެކަމާށާއި، އަދިވެސް ވެންޓިލޭޓަރުތައް ނުލިބޭކަމަށެވެ. ޢަފީފް ވިދާޅުވީ، 75 ވެންޓިލޭޓަރު ގެންނަން ފައިސާ ފޮނުވާފައޮތީ މެލޭޝިޔާ ކުންފުންޏަކަށްކަމަށާއި، އެއީ އަސްލު ވުޖޫދުގަ ނުވެސް ނެތް ކުންފުންޏެއްކަމަށެވެ.
”އަޅުގަނޑަށް ޚަބަރު ލިބިފަ އެބައޮތް މުޢުތަބަރު ފަރާތަކުން ތި 75 ވެންޓިލޭޓަރު ނުގެނެވިގެން ޚަބަރެއް ނުވެގެން ސީދާ ރައީސުލްޖުމްހޫރިއްޔާ އޭނާއާ ވާހަކަދެއްކި ކޯފާވެގެން އޭނައާ ވާހަކަދެއްކި ވާހަކަ އިނގޭތޯ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެބަ އެނގިވަޑައިގަންނަވާ ތި ކަންތައްތައް. ދެން ހަމަ އެކަންތައް ތި 75 ވެންޓިލޭޓަރު ކަންތައް ތި ހިނގާފައޮއްވާ އަނެއްކާ 54 ވެންޓިލޭޓަރެއް ހަމަ އެ މީސްމީހުންނަށް. ތި 75 ވެންޓިލޭޓަރު ގެންނަން އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ތި ފައިސާ ފޮނުވާފައޮތީ މެލޭޝިޔާ ކުންފުންޏަކަށް. އަސްލު ނުވެސް ވުޖޫދުގަ ނެތް ކުންފުންޏެއް.“ ޢަފީފް
މި ކަމުގައި އެމްޑީޕީ މެންބަރުން ހިމެނޭނެ ނޫންތޯއޭ ބުނުއްވައި ޕްރެޒެންޓަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޢަފީފް ވިދާޅުވީ، އެމްޑީޕީ މެންބަރުންވިޔަސް ވައްކަން ކުރަންޏާ ވާނީ ވަގެއްކަމަށާއި، ކޮރަޕްޝަންގެ ޢަމަލަކީ ވަކި ވައްކަމަކާ ދުރުކަމެއްނޫންކަމަށެވެ. މީގެ އިތުރުން ޢަފީފް ވިދާޅުވީ، ކޮންމެ ވެރިކަމެއް އޮތަސް، ވައްކަންކުރާ މީހުން ވަރަށް ފަސޭހައިން ގުޅޭނެކަމަށާއި، އެ ކަހަލަ މައިންޑެއްގަ ތިބޭ ބަޔަކުނަމަ އެކަންކުރާނެކަމަށެވެ.
”އަދި މައްސަލައެއްނެތޭ އެމްޑީޕީ މެންބަރުން ވިޔަސް. ވައްކަން ކުރައްޏާ ވަގަކަށް ވާނީ، ކޮރަޕްޝަން ހިންގަންޏާ ހަމަ ކޮރަޕްޝަންގެ ޢަމަލެއް ދެން. ކޮރަޕްޝަންގެ ޢަމަލަކީ ވަކި ވައްކަމަކާ ދުރުކަމެއްނޫން، ވައްކަމެއް އެވެސް ދެން. ކޮންމެ ވެރިކަމެއް އޮތަސް، ވައްކަންކުރާ މީހުން ވަރަށް ފަސޭހައިން، މި ކަންތައްތައް ގުޅިގަންނާނެ ވަރަށް ފަސޭހައިން. އެކަހަލަ މައިންޑެއްގަ ތިބޭ ބަޔަކު ވެއްޖިއްޔާ ހަމަ އެކަންކުރާނެ. ހުރިހާ ގެއްލުމެއް ރައެްޔިތުންނަށް. ރައްޔިތުންގެ ފައިސާ މި ގެއްލެނީ.“ ޢަފީފް
ޢަފީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވެސް މިނިސްޓަރު އަމީންގެ މައްސަލަ ބަލަންވީކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ވެސް، އަމީނަކީ ކޮންކަހަލަ ބޭފުޅެއްކަން މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޢަފީފް ވިދާޅުވީ، އަމީންއަކީ ރައީސް ޢައްޔަން ކުރެއްވި ބޭފުޅެއްކަމަށާއި، އަމީނެއްކަމަކު އެކަހަލަ ކަންތައްތައް ކުރައްވަންޏާ މަޤާމުން ވަކިކުރެއްވުމުގެ އިޚުތިޔާރު ރައީސްއަށް ލިބިވަޑައިގެންފައިވާކަމަށެވެ.
”މަޖިލީހުން ވެސް އޭނަގެ މައްސަލަ ބަލަންވީ. ދެންރައީސުލްޖުމްހޫރިއްޔާއަށް ވެސް މިހާރު އެނިގަވަޑައިގަންނަވާނެ ދޯ އެއީ ކޮންކަހަލަ މީހެއްކަން. ރައީސް ވެއްޖިއްޔާ އެބައޮތްނޫންތޯ އިޚްތިޔާރު. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރި ބޭފުޅެއް އެކަލަކަންތައްކުރަންޏާ ވަކިކުރަންވީނޫންތޯ.“ ޢަފީފް
ޢަފީފް ވިދާޅުވީ މުޅި ދުނިޔެ މިއޮތީ ވަރަށް ބޮޑު ބަލިމަޑުކަމެއްގެ ނުރައްކަލެއްގެތެރޭގައި ކަމަށާއި، ހުރިހައި ޤައުމުތަކެއް އިޤުތިޞާދު ފުނޑެމުންދާކަމަށެވެ.
ޢަފީފު ވިދާޅުވީ ރާއްޖެއަކީ ހުރިހައިކަމެއްވެސް ބޭރަށް ބަރޯސާކޮށްގެން އުޅޭ ބައެއްކަމަށާއި، ރާއްޖޭގައި މާ ބޮޑު ސޭވިންގްސްއެއް ވެސް ނެތްކަމަށެވެ.
ޢަފީފް ވިދާޅުވީ، މިފަދަ ދުވަސްވަރެއްގައި ވެސް ދަޢުލަތުގެ ފައިސާއިން ވައްކަންކުރަން އުޅޭ މީހުން ލައިގެން އެއްވެސްކަމެއް ރަނގަޅުނުވާނޭ ކަމަށާއި، އެ ފަދަ މީސްމީހުން ހޯދައި އެ މީސްމީހުން މަޤާމުން ދުރުކުރުމަށް ރައީސް ޞާލިޙްއަށް އިލްތިމާސްކުރާ ކަމަށެވެ.


2 Responses
ތެދެއް މިބައިމީހުން ބުނާނެ ޥަގުތެއް އަންނާނެ ދުވަހެއް އެބައޮތް ކަމާއިމެދު ޝައްކެތްނެތް. ހިތާމަޔަކީ ދޮގުމައްޗަށް ދޮގުހެދި މީހާ އެއިންނެވީ މަޖްލީހުގެ މެމްބްރަކަށް މިއަދު ވަކާލާތު ކުރައްވަން. ތެދެއްނުބުނެވި ހީލަތްތެރިކަން އިންތިހާޔަށް ދިޔައިމާ ރަންބިސް އަޅާހަލި ބީވެ ގޮސް އެއޮތީ ފެންނަން. ވަރަށް ސަލާމް
އަންނި ނުހަދާނެ ދޮގެއް.