ރާއްޖެއިން ދިޔަ ބިދޭސީއެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސްކޮށް އައިސޮލޭޓް ކޮށްފައިވާ މީހުންގެ ސާމްޕަލްތަކުގެ ފުރަތަމަ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޖޯލި މޯލްޑިވްސް އާއި ރާ ބޮޑުފުށި ރިސޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ބައްޔަށް ޕޮޒިޓިވް ވީކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަފަހުންނެވެ. އެއީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދެ ރިސޯޓުވެސް މޮނީޓަރިން ހާލަތަށް ގެނެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ހާއްސަ ޓީމެއް އަންނަނީ ދެ ރަށުގައި ވެސް ހަރަކާތްތެރިވަމުންނެވެ.
ބިދޭސީ މީހާ ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އަދި އޭނާ ފުރައިގެން ދިޔައިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް އެޗްޕީއޭއިމް ވަނީ ބުނެފައެވެ. ބިދޭސީ މިހާގެ ކޭސްއާއި ގުޅިގެން 33 މީހަކު އެކަހެރި ކުރިއެވެ. އަދި އެމީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޖޯލި މޯލްޑިވްސް އިން ސާމްޕަލް ނެގި މީހުންނާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ހައި ރިސްކު ކޭސްތަކުގައި ދެ ސާމްޕަލް ނަގާ ކަމަށެވެ. އަދި އެކަހެރި ކުރި މީހުންގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަސަރެއް ފެނިފައި ނުވާ ކަމަށެވެ. އެކަހެރި ކުރި އެންމެންގެ ދެވަނަ ސާމްޕަލްއެއް ނަގާނެއެވެ.
ބިދޭސީ މީހާއާއި ކޮންޓެކްޓުވެ އެކަހެރި ކުރި މީހުންގެ ތެރޭގައި ރިސޯޓުގެ މުވައްޒަފުންނާއި، އެ މީހާ ގޮވައިގެން އެއާޕޯޓަށް ދިޔަ ކްރޫއިން އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގްރައުންޑު ސްޓާފުން އަދި ފްލައިޓް ކްރޫއިން ހިމެނެއެވެ.
މީގެ ކުރިންވެސް ރާއްޖެއިން ސާމްޕަލްތައް ނެގި އިޓަލީ ދެ މީހަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންގެ ނަތީޖާތައް ލިބި، ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ. އޭނާއަށް ބަލި ޖެހުނުކަމަށް ބެލެވެނީ ޗައިނާއިން ނެވެ. އެކޭސްއާއި ގުޅިގެން ދެ ދިވެއްސަކު ބައްޔަށް ޓެސްޓުވެސް ކުރިއެވެ. އަދި14 ދުވަސް ހަމަކޮށް ބައްޔަށް ޑަބަލް ނެގެޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވީ ތިން މީހަކު މި ހަފްތާގައި ވަނީ ދޫކޮށްލާފައެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކު ހިމެނެއެވެ. އެ ހަތަރު ދިވެހިންނަށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ. ބައްޔަށް ރާއްޖޭގައި ޕޮޒިޓިވް ވީ ހުރިހާ ބިދޭސީން ވަނީ ފަރުވާދީ ރަނގަޅުވެފައެވެ.

