ތިލަފުށީގައި ހުންނަ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުން ކުނި ނަގާ މިންވަރު މަދުކުރަން ޖެހިފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.
ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނި ގޮނޑުގައި އަލިފާން ރޯވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލުކުރެވުނީ 10 ގަޑިއިރު ފަހުންނެވެ.
އެކަމާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާކަމަށާއި އޭގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ޚިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެ ސައިޓުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާކަން ވެމްކޯއިން ފާހަގަކުރިއެވެ.
އެހެންކަމުން، ޓްރާންސްފާ ފެސިލިޓީން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރު ވެފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. ނަމަވެސް، ތިލަފުށީ ސައިޓް އާންމު ހާލަތަކަށް ގެނެސް ކުނި ނެގުމުގެ މަސައްކަތް ކުރިއެކޭ އެއް އުސޫލަކުން ހިންގުމަށް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ކުންފުނިން ބުންޏެވެ.
އެ މުއްދަތުގައި މާލެ ސަރަހައްދުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތަކަށް ޓަކައި ވެމްކޯއިން މައާފަށް އެދިފައިވެއެވެ. އަދި އެ ކުންފުނިން ބުނެފައިވަނީ އެ މުއްދަތުގައި އާމުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

