ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާއި ގުޅިގެން އެ ގައުމުތަކުގައި ތާށިވެފައިތިބި އެތައް ދިވެހިންނެއް އެބަތިއްބެވެ. ގިނަ ގައުމުތަކުގެ، އެއާ ސްޕޭސް ބަންދުކޮށް މުޅި ގައުމު އެކީ ލޮކްޑައުންކޮށްފައި ވުމާއި އެކު ދިވެހިން ގެނައުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެން ނަމަވެސް، ކުރެވެން ހުރި މަސައްކަތްތަކުގެ ދަށުން ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ އެކި ގައުމުތަކާއި މަޝްވަރާ ކުރަމުންނެވެ.
ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ބަދަލުކޮށްފައިވަނީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. ފާއިތުވީ ދުވަސްތަކުގައި ބޭރުގެ ގިނަ ގައުމުތަކުގައި ދިރިއުޅެމުން އައި ދިވެހިން ވަނީ ރާއްޖެ އައިސްފައެވެ. އިތުރު އެހީއެއް ބޭނުން ނުވާ ހާލަތެއްގައި އެ އެންމެން ވެސް ބައިތިއްބަނީ ވަކި ވަކި ކޮޓަރިތަކުގައެވެ.
ރާއްޖޭގައި ކަރަންޓީން ފެސިލީޓިތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ މިވަގުތު ބަންދުކޮށްފައިވާ އެކި ރިސޯޓުތަކެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ވެފައި ވަރުގަދައެވެ. ހާއްސަކޮށް، ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ ކަރަންޓީން ފެސިލީޓީއަކަށް ގެންދިއުމަށް ނިންމުން އޭގެ ތެރޭގައި ހިމެނެއެވެ.
ކަރަންޓީން ފެސިލިޓީތަކާއި ބެހޭގޮތުން ތަފާތު އެކި ވާހަކަތައް އަޑުއިވިއްޖެއެވެ. އޭގެ އިން ބައެއް ވާހަކަތައް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ދެކެވިއްޖެއެވެ. ފެސިލީޓީތަކާއި ބެހޭ ގޮތުން ވާހަކަ ދެކެވެނީ، މައިގަނޑު ގޮތެއްގައި ދެ ގޮތަކަށެވެ. އެއީ ހިދުމަތްއް ރަނގަޅު ވާހަކައާއި، ކެއުމުގެ ކަންތައް ގޯސް ވާހަކައެވެ.
https://twitter.com/MohamedAhzam45/status/1248933337210601472
ސޯޝަލް މީޑިއާއިން މިއަދާއި ހަމައަށް ފެންނަމުން އައި ވާހަކަތަކަކީ، އެއީކަމުގައި ވީނަމަވެސް މިއަދު ފެނުނީ އޭގެ އަނެއް ފަރާތެކެވެ. ކަރަންޓީން ފެސިލީޓިތަކުގައި އެއްހާހަށް ވުރެ ގިނަ މީހުން ތިބިއިރު، ކުރިޔަށް އޮތް ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި 500 އާއި ގާތް ކުރާ އަދަދަކަށް މީހުން ރާއްޖެ ގެނެވޭނެއެވެ. އަދި އެކަމަށް އިތުރު ބައެއް ރިސޯޓުތަކާއި އެކު ސަރުކާރުން ވަނީ މަޝްވަރާތައް ވެސް ފަށާފައެވެ. ފެސިލިޓީތަކުގައި ތިބޭ މީހެއްގެ ބޮލަކަށް ސަރުކާރުން 7000 ރުފިޔާ ހޭދަ ކުރެއެވެ.
14 ދުވަހުގެ ކަރަންޓީންއަށް ފަހު، އެ މީހަކު ބައްޔަށް ޓެސްޓު ކުރެއެވެ. އަދި ދެ ސާމްޕަލް ވެސް ނެގެޓިވް ވުމުން އެ މީހަކު ދޫކޮށްލައެވެ. ކޮންމެ އަކަސް ވޭތުވެ ދިޔަ ހަފްތާއެއް ދުވަހުގެ ތެރޭގައި މި ގޮތަށް ޓެސްޓު ކުރެވުނު ވަރަށް ގިނަ މީހުން ވަނީ ދޫކޮށްލާފައެވެ.
ފެސިލީޓީއަކުން ނިކުތް މީހެއްގެ ކޮޓަރީގެ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ގިނަ ބައެއްގެ ލޯތައް އެ ވީޑިއޯއަށް ހުއްޓިގެން ދިޔައީ އެތަން ބޭނުން ކުރި ދިވެއްސަކު ކޮޓަރި ދޫކޮށް ނިކުތްއިރު ތަނުގެ ހާލަތު ހުރި ގޮތުންނެވެ. ކޮޓަރީގައި ސާފުތާހިރުކަމުގެ ކަންފުޅެއް ވެސް ނެތީއެވެ. އެނދުމައްޗާއި، ފާހަނާތެރެ ހުރީ އެހާ ހަޑިކޮށްފައެވެ.
https://twitter.com/alimadnaan/status/1248726891072110592
ބިންމަތީ، ފެން ހުސްކޮށްފައި ހުރި ފުޅިތަކާއި ސުޕާރީ ޕެކެޓުތަކެވެ. ފަހާނާގެ ސިންކު ކައިރި އެހާ ހަޑިކޮށްފައެވެ. ފާހަނާގެ ސިންކު ކައިރީ ސިނގިރޭޓު ބަޓުކޮޅުތައް ހުއްޓެވެ. ފާހަނާތެރޭގައި އެއްވެސް އެއްޗެއް ތަރުތީބަކުން ނެތެވެ. ދަތް އުނގުޅާ ބުރުސް، އޮތީ އެއްލާލާފައެވެ. ކޮޓަރީގެ، ޓީވީގެ ރިމޯޓާއި އޭސީ ރިމޯޓު އޮތީ އެއްލާލާފައެވެ. އެނދުގެ ބެޑްޝީޓު ވެސް އޮތީ ނަގާފައެވެ.
ކަރަންޓީން ފެސިލީޓީތަކާއި މެދު ޝަކުވާ ކުރަމުން ދިއުމަށްފަހު މިއަދު ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ބައެއް މީހުން ވަނީ، އޭނާ އެންމެ 14 ދުވަހަށް ބޭނުން ކުރި ކޮޓަރީގެ ހާލަތަކީ އެއީ ނަމަ ދިރިއުޅުމުގެ ހާލަތު ހުންނާނެ ގޮތާއި މެދު ސުވާލު އުފައްދާފައެވެ. ބައެއް މީހުން ވަނީ ސަރުކާރުން މިހާ ބޮޑު ހަރަދެއްކޮށް، ރިސޯޓުތައް ފެސިލީޓީތަކަކަށް ނުހެދުމަށް ވެސް ގޮވާލާފައެވެ.
https://twitter.com/mn519/status/1248891184350507008
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރަމުން ގެންދަނީ ރާއްޖޭގެ ރިސޯޓްތަކުގައެވެ. އެގޮތުން 11 ރިސޯޓެއް މިހާރުވެސް ދަނީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުންނެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ކަރަންޓީން ފެސިލީޓީއަކަށް ބޭނުން ކުރަނީ ބޮޑެތި ހޯލުތަކެކެވެ. ރާއްޖޭގައި މަސައްކަތް ކުރެވެމުން މިދަނީ ކިރިޔާވެސް މީހެއްގެ ގައިގައި ބަލީގެ އަސަރު ހުރި ނަމަ އެ އެހެން މީހެއްގެ ގަޔަށް ޓްރާންސްފާ ވިޔަ ނުދިނުމަށެވެ.
ދުނިޔެއަށް މިވަނީ ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިފައެވެ. ގިނަ އާއްމުން ދަނީ، މިވަގުތު އެންމެ މުހިންމީ ޝުކުރުވެރިވުންކަން ފާހަގަކޮށްފައެވެ. ކެއުމާއި، އަދި ފެސިލިޓީގެ ކަންކަމަކީ އަދި އެންމެ ފުރިހަމަ ނުވެދާނެ ހިދުމަތްތެކެވެ. މިއަދު ކުރަން ޖެހޭ ކަމަކީ އެންމެ ކަމެކެވެ. ލިބޭ މިންވަރަށް ޝުކުރު ކުރަންވީއެވެ. އެ ނޫންގޮތެއް މިއަދަކު ނެތެވެ.

