މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެން ސަރުކާރުން ޓީ-ބިލް ވިއްކުމަކީ ނުސީދާކޮށް ފައިސާ ޗާޕުކުރުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ރައްޔިތުންގެ މުސްތަގުބަލަށް ޓަކައި ރައްކާކޮށްފައިވާ ފައިސާ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމެވެ. އަދި މި ފިޔަވަޅުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ،“ ޝާހިދު
މިއީ ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކާ ވާހަކަތަކާ ފުށުއަރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝާހިދު އިތުރަށް ވިދާޅުވީ، ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި އެ އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާދެމުން ގެންދާ ދަނޑިވަޅެއްގައިވެސް އެކަމަށް ބެލުމެއް ނެތި ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އަމަލަކީ ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން ކަމުގައި ޝާހިދު ސިފަކުރެއްވިއެވެ.
ޕެންޝަން ފަންޑުން ޓީ-ބިލް ގަތުމަކީ އޭގެ ޒާތުގައި ފައިސާ ޗާޕުކުރުން ފަދަ ކަމެއް ކަމަށާއި، މީގެ ސަބަބުން އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ހާއްސަކޮށް، މިފަދަ ނިންމުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ދިވެހި ފައިސާގެ އަގު ވެއްޓުމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
”ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނާއި، ޕެންޝަން އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދެމުން ގެންދާ ގެންދިޔުމަށް ބެލުމެއް ނެތި، 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ކަނޑައެޅިގެން ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކުކޮށްލުން. ރައީސް މުއިއްޒު ފައިސާ ޗާޕު ނުކުރައްވާނެކަމަށް ވިދާޅުވެފައިމެ އެ ވައުދާއި ހިލާފުވެ، މާލީ ނިޒާމަށް މިވަރު ބޮޑު ގެއްލުމެއް ލިބިދާނެގޮތަކަށް ކަންކުރެއްވުމަކީ ވަރަށް ދެރަވަރުކަމެއް،“ ޢަބްދުﷲ ޝާހިދު
މި މައްސަލާގައި ޝާހިދު ވަނީ ރައްޔިތުންގެ ޕެންޝަން ފައިސާގައި ޒިންމާދާރުކަން ކުޑަ ގޮތްގޮތަށް އަތްނުލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓަކައި ރައްޔިތުންގެ ރައްކާކުރި ފައިސާ ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

