ރައްޔިތުންގެ މުސާރަތައް ބޮޑު ނުވާ ކަމަށާއި އާމްދަނީ ލިބޭނެ އިތުރު މަގެއް ނެތް ކަމަށާއި މި ސަރުކާރުން މައްޗަށް ގެންދިޔައީ ހަމައެކަނި ތަކެތީގެ އަގު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ދަތިވެއްޖެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ބޯ ވާރޭ ތެރޭގައި ވެސް އެމްޑީޕީގެ ހިތްވަރުގަދަ ލަޝްކަރު ނިކުމެ ތިބީ ދިވެހިރާއްޖެ އޮބި ނޯންނަ ހިސާބާ ހަމައަށް ދަތިވެއްޖެ ކަމަށް ރައްޔިތުން ބުނަމުންދާތީ ކަމަށެވެ. އަދި ރައްޔިތުން އުންމީދުކުރަމުން އައި ފެހި ސިގްނަލްތައް ރަތްވެފައިވާ ކަމަށާއި ވެރިކަމަށް އައުމަށް ރައްޔިތުންނަށް ދެއްކި ހުވަފެންތައް ބިލާހަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މީގެ ކުރިން 100 ރުފިޔާއަށް ލިބެމުން އައި ތަކެތި މިހާރު ލިބެނީ 122 ރުފިޔާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މުސާރަތަކަށް ބަދަލެއް ނާންނަ ކަމަށާއި އާމްދަނީ އިތުރުނުވާ ނަމަވެސް، ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
”މުސާރަތަކަށް ބަދަލެއް ނާދޭ، އެއްވެސް އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް. ހަމައެކަނި ތަކެތީގެ އަގު މައްޗަށް ގެންދިޔައީ. ތަކެތީގެ އަގު މައްޗަށް ދިޔައިމާ ރައްޔިތުން މި ބުނަނީ ދަތިވެއްޖެއޭ،“ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މިދިޔަ 13 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އިންފްލޭޝަން މައްޗަށް ދިޔައީ މި ސަރުކާރުގައި، 2025 ވަނަ އަހަރުއެވެ.
ޝާހިދު ވިދާޅުވީ، ހަމައެކަނި މިދިޔަ ހަފްތާގައި ވެސް އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށްފައިވާއިރު، ޑެޕިއުޓީ މިނިސްޓަަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސިޔާސީ އެކިއެކި މަގާމުތަަކަށް އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށެވެ.
މި ސަރުކާރު މިހާރު ވެސް މިއޮތީ ބަލިވެފައި ކަމަށާއި، މި ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ޝާޙިދު ވިދާޅުވިއެވެ. އަދި ރައްޔިތުން އެދޭ ވަރުގަދަ ރީނދޫ ސަރުކާރެއް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

