ކުޑަކުދިންނާއި ސާފު ދިވެހިބަހުންވާހަކަ ދެއްކުމަކީ އެ ކުދިންގެ ތަރުބިއްޔަތު ހަރުދަނާކޮށްދޭކަމެއްކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެފިއެވެ.
ދިވެހިބަހުގެ ދުވަހާއި ގުޅުވައިގެން އެކެޑަމީން ޢާންމުކުރި ބަޔާނުގައިވަނީ، ކުޑަކުދިންނާއި ސާފު ދިވެހިބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ތަރުބިއްޔަތު ހަރުދަނާވުމުގެ އިތުރުން ބަހުގެ ހުނަރު ވަރުގަދަކޮށްދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން، ދިވެހި ވެށްޓާއި މެދު އޮންނަ ބީރައްޓެހިކަންފިލައި، ދިވެހިވަންތަކަމާއި ދިވެހި ހަޟާރާތަށް އެ ކުދިން އަހުލުވެރިވާކަމެއްކަމަށް ވެސް އެކެޑަމީން ބުނެފައިވެއެވެ.
އެކެޑަމީން އިތުރަށް ބުނީ، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، މާމެލާމެލިފަދަ އެއްޗެއްސާއި، ތަކެތީގެ ނަންތައް، ސާފު ދިވެހިބަހުން އެ ކުދިންނަށް ދަސްކޮށްދިނުމަކީ، ބަސްމޮށުންތެރިކަމާއި، ބަހުގެ ޤާބިލިއްޔަތާއި، އިޖުތިމާޢީ ވިސްނުމާއި ފިކުރުގެ ތަނަވަސްކަމަށްޓަކައި ކުރަންޖެހޭކަމެއްކަމަށެވެ.
އެކެޑަމީންވަނީ، މައިންބަފައިން ދަރިންނާއި ވާހަކަދައްކާއިރު ސާފު ދިވެހި ބަހުން އެ ކުދިންނާއި ވާހަކަދެއްކުމަށް ވެސް އިލްތިމާސްކޮށްފައެވެ.
https://twitter.com/DhivehiEkedamee/status/1249774935288889344?s=20
ދިވެހިބަސް ދިރުވައި އާލާކުރުމަށް، ދިވެހިބަހުގެ އެކެޑަމީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ދިވެހިބަހުގެ ދުވަހާއި ގުޅިގެން، އެކަޑަމީން ވަނީ، ”ވާދަ ބައިތު“ ގެ ނަމުގައި ބައިތު ހުށަހެޅުމުގެ ޕްރޮގުރާމެއް ވެސް ފަށާފައެވެ. މި ކަމާއި ގުޅިގެން އެކަޑަމީން ޢާންމުކުރި ޓްވީޓެއްގައި، އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ، ”ވާދަ ބައިތު“ ގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ކުދިބޮޑު އެންމެންނަށް ދަޢުވަތުދެއްވާފައެވެ.

