ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްބާއި ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

‎އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކޮށްފައިވާ މުއްސަބް އަބްދުﷲގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އަނެއްކާ ވެސް ފެންމަތިވެއްޖެ އެވެ.

އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް މުވައްޒަފަކު ވައްދައި، މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ނެގި މައްސަލާގައި އިހުމާލުވެފައިވާތީ މުސްއަބް އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. ސީއެސްސީން އެ ނިންމުން ނިންމާފައިވަނީ، އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް ވެއްދި މުވައްޒަފަށް މުސާރައިގެ ގޮތުގައި 160،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވާ މައްސަލާގައި މުއްސަބްގެ ބައިވެރިވުން އޮތުމުންނެވެ.

މުސްއަބާއި ގުޅޭ އެ މައްސަލަ ސީއެސްސީ އަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލައިގެ އިތުރުން ވެސް ފައިސާ އާއި މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ކަންކަމުގައި މުސްއަބް އިހުމާލުވެފައިވާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީން ހަތަރު ކަމެއް ސީއެސްސީ އަށް ހުށަހެޅި އެވެ. ސީއެސްސީން ވަނީ އެ ހުރިހާ މައްސަލައެއްގައި ވެސް މުސްއަބް އިހުމާލުވެފައިވާ ކަމަށް ނިންމާފަ އެވެ.

މުސްއަބް މަގާމުން ވަކިކުރުމާއި އެކު އެކަން ކުރީ އޭނާ ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމުން ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ވާހަކަދައްކަމުން އަންނަ އިރު، އޭނާ މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެކޯޑްތައް ބަލައިލުމުން ފެންނަނީ ކޮރަޕްޝަނުގެ މައްސަލަތަކާއި މުސްއަބާއި އޮތް ގާތް ގުޅުމެވެ. އޭނާ މަސައްކަތް ކުރާ ކޮންމެ ތަނެއްގައި ވެސް ކޮރަޕްޝަނާއި ގުޅޭ މައްސަލައެއް ފެންމަތިވެއްޖެނަމަ، މުސްއަބާއި ގުޅުން އޮތުމަކީ އަޅެ އިއްތިފާގެއް ހެއްޔެވެ؟

ރެކޯޑްތައް ދައްކާގޮތުން 2011-2017 އަށް މުސްއަބް މަސައްކަތް ކޮށްފައިވަނީ ފޮރިން މިނިސްޓްރީގަ އެވެ. އޭގެ ތެރޭގައި އަބޫދާބީގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލާގެ މަގާމާއި، އެންބަސީގެ އެހެނިހެން މަގާމުތައް ވެސް ހިމެނެ އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަ އަކަށް ބަލައިލާނަމެވެ. އަބޫދާބީގެ އެމްބަސީ އަށް އެ ގައުމުގެ ސަރުކާރުން ދިން 2.1 މިލިޔަން ރުފިޔާގެ އެހީއެއް ”ފައިސާ ލިބުނު ގޮތާއި ހޭދަ ކުރެވުނު ގޮތުގެ“ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ. އެ ފައިސާ އަށް ވީގޮތެއްވެސް ނޭނގެއެވެ.

އޭގެ އިތުރުން 2017 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ދައުލަތުގެ މާލިއްޔަތު ގާވާއިދާ ހިލާފަށް އިއުލާނު ނުކޮށް އަދި ކޯޓޭޝަން ވެސް ނުހޯދައި ބައެއް ފޮރިން މިޝަންތަކުން 1.01 މިލިޔަން ރުފިޔާ ހަރަދު ކުރި ކަމަށް ބުނެފައި ވެއެވެ. އޮޑިޓް ރިޕޯޓުގައި އެއީ ކޮން ފޮރިން މިޝަންތަކެއް ކަން ބަޔާންކޮށްފައި ނުވި ނަމަވެސް، އެ މައްސަލާގައި ވެސް އަބޫދާބީގެ އެމްބަސީ ހިމެނޭ ކަން، ލިޔެކިޔުންތަކުން ދައްކައެވެ.

އެ މައްސަލަތަކާއި މުސްއަބާއި ސީދާ ގުޅުން އޮތް ކަމަށް އޮޑިޓާ ޖެނަރަލްގެ ލިޔުންތަކުން އެނގެން އެބައޮތެވެ. އެގޮތުން ކޮޕީ ލިބިފައިވާ ބައެއް ލިޔުންތަކުން ވަނީ ގަވާއިދާ ހިލާފަށް ފައިސާ ހަރަދުކުރި އިރު، އިންވޮއިސް ހެދުމާއި މޭޕަންޓް އޮތޮރައިޒް ކުރުމުގެ އިތުރުން ފައިސާ ދޫކުރި ޗެކްތަކުގައި ސޮއި ކޮށްފައިވަނީ ވެސް މުސްއަބު އެވެ. އެ މައްސަލަތައް އޮޑިޓާ ޖެނަރަލްގެ އޮފީހުން އޭސީސީ އަށް ހުށަހެޅި އެވެ.

ނަމަވެސް އޭސީސީގެ އިސް ބަޔަކާއި މުސްއަބާއިދެމެދު އޮންނަ އެކުވެރިކަމުގެ މަސްލަހަތެއްގެތެރެއިން މައްސަލަތައް ބެލުން އޭސީސީގެ ތެރެއިން ހުއްޓުވާފައި އޮތީ އޭނާގެ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ސަންގަށް މައުލޫމާތުދިނެވެ. އޭސީސީން އެ މައްސަލަތައް ނުބަލާ ދޫކޮށްލާފައި އޮތް ނަމަވެސް، ފިނޭންސް މިނިސްޓްރީގައި އޮންނަ މާލީ މައްސަލަތައް ބަލާ ކޮމިޓީގެ ސަމާލުކަމަށް ވެސް އެ މައްސަލަ ވަނީ އައިސްފަ އެވެ.

‎މުސްއަބްގެ ކޮރަޕްޝަންގެ ތުހުމަތާއެކު ޓުވިޓަރގައި އޭނާއާއި އެކި ފަރާތްތަކުން ކުރިމަތިކުރި ސުވާލުތަކަށް ރައްދު ދެއްވާ މުސްއަބު ލިޔެފައިވަނީ، އޭނާއަކީ މުސާރަ އަށް އެކަނި ޑިޕެންޑްވެގެން ކުލި ދައްކައިގެން އުޅޭ މީހެއް ކަމަށެވެ.

އަދި މިހުރިހާ ތުހުމަތަކަށް މުސްއަބު އިންކާރު ކުރެއެވެ. މުސްއަބު ވިދާޅުވަނީ އޭނާ ވަޒީފާއިން ވަކިކުރީ ”ކޮރަޕްޝަން އާއި ދެކޮޅު“ވުމާއި އެކަމަށް އަޑު އުފުލުމުގެ ސަބަބުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: