އެއްވެސް ޝައްކެއްނެތްގޮތުގައި ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދީބަކީ، ފަޟީލަތުއްޝައިޚުލް މަރުޙޫމް ޙުސެއިން ޞަލާޙުއްދީނެވެ. މިކަމާ ދެބަސްވާނެ އެއްވެސް ދިވެއްސއް ހުންނާނެކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އެ މަނިކުފާނު ދިވެހިބަހަށް ކުރައްވާފައިވާ ޚިދުމަތްތައް މިންކުރާނޭ ތަރާދެއް ހޯދާނީ ކޮންތާކުންބާއޭ ހިތަށްއަރައެވެ. ނަމަވެސް އަޅުގަނޑަށް އުޅެއުޅެ ވެސް އެކަމެއް ނުވިއެވެ. އެހެނީ އެ މަނިކުފާނު ދިވެހިބަހަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ ގިނަގުނަކަމާ، އެ ޚިދުމަތްތަކުގެ ބުރަދަން ބޮޑުކަމުގެ ސަބަބުންނެވެ.
ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ ސާދަވަނަ ދުވަހުގައި، ދިވެހިބަހުގެ ދުވަސް ފާހަގަކުރެވެމުންދާއިރު، މިއަހަރުގެ މިދުވަހުގައި، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް، އަލިއަޅުވައިލުމަކީ އުފަލެއްކަމަށް ދެކެމެވެ. 2015 ވަނަ އަހަރު އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާ، މި ދުވަހަކީ، އަޅުގަނޑުމެންގެ ލޮބުވެތި އަދީބު ފަޟީލަތުއްޝައިޚުލް މަރުޙޫމް ޙުސެއިން ޞަލާޙުއްދީން އުފަންވެވަޑައިގަތް ދުވަހެވެ. އެ މަނިކުފާނު އުފަންވެވަޑައިގަތީ ހިޖުރީ ސަނަތުން ބާރަ ސަތޭކަ އަށާނަވައިވަނަ އަހަރުގެ ޖުމާދުލްއޫލާމަހުގެ ފަނަރަވަނަ ދުވަހުގައެވެ. އެއީ މީލާދީން، އޮނަވިހި ސަތޭކަ އެކާހިވަނަ އަހަރުގެ އޭޕްރީލުމަހުގެ ސާދަވީ ބުރާސްފަތި ދުވަހެވެ.
ފުރަމާލެއަށް އުފަންވެވަޑައިގަތް، ޙުސެއިން ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، އައްޝައިޚުލް ފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދި އަލްޙާފިޒާ ބޮޑު ފާތިމާފާނުގެ ދަރިކަނބަލުން، ޒުލައިޚާބީގެ ދަރިކަނބަލުން، ހައްވާބީގެ ދަރިކަނބަލުން، އަތިރީ ކަމަނާއާއި، ފަސްމަންދޫ އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކުރުފާނުގެ ދަރިކަނބަލުން ފާތިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން، ޢާއިޝާ ކަނބާފާނުއާއި، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަލުން، އައްސުލްޠާން އިބްރާހިމް އިސްކަންދަރު (2ވަނަ) ގެ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގެންނެވި ދަރިކަނބަލުން ޢާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން، މާވާ މަރްޔަމްދީދީގެ، މާވާ ހުސައިންދީދީގެ އާމިނާ މެދުދީދީގެ ބޮޑުގަލު މޫސާދީދީއެވެ. އެ މަނިކުފާނުގެ ލޮބުވެތި މަންމާފުޅަކީ، ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނުގެ، ޒަކަރިއްޔާ މޫސާކަލޭފާނުގެ ދަރަވަންދޫ ތުއްތުމަނިކެއެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދީބުން ޢިލްމު ހާސިލުކުރެއްވި، ފުންނާބު އުސް އަދީބު އެންމެ ފުރަތަމަ ކިޔަވައިވިދާޅުވީ، އަލްފަޤީހު އިބްރާހިމް ބިން ޙުސައިން ތަކުރުފާނު ނުވަތަ އައްޑޫ މީދޫ އައިސާބީގެ ދަރު ދޮންބެއްޔާގެ އަރިހުންނެވެ. އެއަށްފަހު، އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު) ގެ އަރިހުން އެދުރުވެވަޑައިގަތެވެ.
ފަޟީލަތުއްޝައިޚުލް މަރުޙޫމް ޙުސެއިން ޞަލާޙުއްދީނަކީ، ކުޅަދާނަ ޝާއިރެކެވެ. ހަމަ އެހެންމެ މަޒުމޫނާއި ޚުޠުބާތައް، ކުރުވާހަކައާއި ދިގު ވާހަކަތައް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. ދީނީފޮތްތައް އެކުލަވައިލެއްވުމުގައި ސާބިތުވެ ހުންނެވި މުޞައްނިފެކެވެ. އުރުދޫބަހުންނާއި ފާރިސީބަހުންނާއި، ޢަރަބިބަހުގެ ލިޔުއްވުންތައް ތަރުޖަމާކުރައްވައި، ދިވެހިންގެ ލޯ ހުޅުވައިލަދެއްވި ބޭފުޅެކެވެ. އިންސާފު ވެރި ފަނޑިޔާރެކެވެ. ރާއްޖޭގައި އުފެދުނު ބޮޑެތި ޢިލްމުވެރިންގެ އެދުރު ވެސް މެއެވެ. މި ގޮތުގެ މަތިން ބަލާއިރު، ހިޖުރީ ސަނަތުން އޮނަވިހި ސަތޭކަ ސަޔާޅީސްވަނަ އަހަރުގެ ޛުލްޙިއްޖާމަހުގެ 17 ވަނަދުވަހު ހުޅުވުނު، ދިވެހިރާއްޖޭގެ ފުރަތަމަ ސުކޫލްކަމަށްވާ މަދަރުސަތުއް ސަނިއްޔާ (ފަހުން މަދަރުސަތުލް މަޖީދިއްޔާ ނުވަތަ މަޖީދިއްޔާ ސުކޫލް) ގެ ފުރަތަމަ ނާޒިރަކީ ވެސް އެ މަނިކުފާނެވެ.
ދިވެހި ބަހަށް އެ މަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކަށް ބަލައިލާއިރު، އެ މަނިކުފާނު ދިވެހިބަހުން ލިޔުއްވި ފޮތްތަކުގެ ގިނަކަމާމެދު ހައިރާންނުވާނީ ކާކުތޯއެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، އެއިން ކޮންމެ ފޮތަކީ ވެސް، އެ ބަލައިފި މީހަކަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަގު ހުޅުވިގެންދާނޭ ފޮތްތަކެއްކަމެވެ. ކޮންމެ ރޮނގަލކުން ބެލިޔަސް އިނގޭތޯއެވެ. ބަހުގެ ގޮތުން ނުވަތަ އަދަބީ ގޮތުން، ތާރީޚީ ގޮތުން، ދުނިޔަވީ ޢިލްމުގެ ގޮތުން، ދީނީ ޢިލްމުގެ ގޮތުން ވިޔަސް، އެ ފޮތްތަކަކީ ދިވެހީންނަށް ލިބިފައިވާ އަގުބޮޑު ތަރިކަތަކެއްކަމާމެދަކު ވަސްވާހެއްނެތެވެ.
މި ގޮތުން އެ މަނިކުފާނު ލިޔުއްވި ފޮތްތަކުގެތެރޭގައި އެންމެ ފުރަތަމަ ވެސް، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އެ މަނިކުފާނު އެކުލަވައިލައްވާފައިވާ ”އައްސީރަތުއްނަބަވިއްޔާ އަލްމުތަރްޖަމަތި ބިއްލުޣަތިލްމަޙަލްދީބިއްޔާ“ މި އަގުހުރި ފޮތެވެ. މީގެ އިތުރުން، ”އައްދުއްރަތުލް ބަހިއްޔާ ފީ ތަރްޖަމަތިލް އަޙްކާމިއްޝަރްޢިއްޔާ“ މި ނަން ކިޔާ ފިޤުހުފޮތާއި، ”އަލްބުރުހާނު ޢަލަލް އީމާނި“ މި ނަންކިޔާ ފޮތާއި، ”އަލްޙަސަނާތު ފީ ތަރްޖަމަތިލް އަޛްކާރި ވައްދަޢަވާތިލް ވާރިދަތި، ފިއްޞަލަވާތިލްމަފްރޫޟާތި“ އެވެ ކިޔުނުފޮތް ވެސް ހިމެނެއެވެ.
ހަމަ އެހެންމެ، ”ތަސްދީދުލްއަޛްހާނި، ފީ ތަޖްވީދިލްޤުރްއާނި“ އާއި،“އިލައިކުމް އައްޔުހައްނުވާބު“ އާއި، ”ކައިވެނީގެ ސުވާލުތައް“ މި ފޮތާއި، ”އައްތުޙްފަތުލްއަދަބިއްޔާ ލިޠުއްލާބިއްލުޣަތިލްމަޙަލްދީބިއްޔާ“ އާއި، ”ޖައުހަރަތުއްތައުޙީދި“ އާއި، ”އައްސުލްޠާން ޙަސަން ނޫރުއްދީން ރަދުންނަށް ރަސްކަމުގެ ކޮލިލުމަށްފަހު ރަދުންގެ ފަރާތްޕުޅުން މާލޭގެ ހަތަރު އަވަށާއި، ރާއްޖެއަށް ނެރުއްވި އަމުރުފުޅުތައް“ މި ފޮތް ހިމެނެއެވެ. ”ތަސްބީޙު ތަހްލީލު ކިޔާގޮތް“ މި ފޮތާއި، ”ދިންނަވާނޭ މަގު“ ފޮތާއި، ”ޝަރަފުލްއަނާމް(ތުޙުފަތުލްކިރާމްގެ ތަރުޖަމާ)“ އާއި، ”ރިވާޔަތު ކަރީމުއްދީން(ދޮންބީފާނު ވާހަކަ) “ ވާހަކައާއި، ”ރިވާޔަތު ނުޢުމާން ވަމަރްޔަމް“ ވާހަކައާއި ހިމެނެއެވެ.
”ސަފަރު ނާމާއެ ޢަބްދުލްމަޖީދު“ އެވެ ކިޔުނު ފޮތާއި، ”އައްލަމްޢަތުއްޡާހިރާ ފީ ތަރްޖަމަތި ކިތާބިއްދުއްރަތިލް ފާޚިރާ ލިލް އިމާމި ޙުއްޖަތިލް އިސްލާމި އަލްޣަޒާލީ“ އެވެ ކިޔުނު ފޮތް ހިމެނެއެވެ. ”ތައުބާ ނަމާދު“ ފޮތާއި، ”ފަތުޙުލްމަލިކިލް މުޖީބި ފީ ތަރްޖަމަތި މަސްލަކުލްޤަރީބް“ އެވެ ކިޔުނު ފޮތާއި،
”އުތީމު އަލްޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކަ“ އާއި، ”އައްތަރްޤިޔަތު ފިއްތަރްބިއްޔަތި“ އެވެ ކިޔުނު ފޮތާއި، ”އެކިއެކި އެދުރުންގެ ކިބައިން ލިބިފައި ހުރި ބޭހުގެ ނުސްޚާ ޖަމާކުރި ފޮތް“ ވެސް ހިމެނެއެވެ.
”ކިތާބުއްނަޡަރާ ލިއަހްލިއްތަފައްކުރި ވަލްޢިބްރާ“ ފޮތާއި، ”ސޫރަތުލް ފާތިޙާގެ މަޢުނަ“ އާއި، ”ތަރްޖަމަތުއްސިޔާސަތިއްޝަރްޢިއްޔާ ލިލްޢައްލާމާ ޖަމާލުއްދީން އަލްއަފްޣާނީ“ ފޮތާއި، ”ހާރުދަމުގެ ވައި“ ހިމެނެއެވެ. ”އަލްޢިބްރަތު ލި އަހްލިލް ޚިބްރާ“ އާއި، ”ހިދާޔަތުއްރަޙްމާނި އިލާ ތަރްޖަމަތި ރަސާއިލިއްސައްޔިދި އަޙްމަދު ޒައިނީ ދަޙްލާން“ އާއި، ”ނަމާދު – މުތަރްޖަމަތުން މަންޤޫލަތުން މިންކިތާބި ޚުލާޞަތިލް ކަލާމި ފީ އަރްކާނިލް އިސްލާމި“ އާއި، ”އައްތަޤްރީރާތުލްމަދްރަސިއްޔާ“ އާއި، ”ތަޤްރީރާތެ ޞަލާޙުއްދީން“ އެވެ ކިޔުނު އެމަނިކުފާނުގެ ތަޤުރީރުތައް ވެސް ހިމެނެއެވެ.
”ތަރުޖަމާ އަލްބުރުހާނުލް މުބީން ފިއްރިސާލަތި ނަބިއްޔިނާ މުޙައްމަދިން ކާނަތު ރަޙްމަތައްލިލްޢާލަމީން“ އާއި،“ސުވޭހު ކައިވެނިފުޅު“ ފޮތާއި، ”އައްޑޫމީދޫ އެދުރުގޭ އައްޝައިޚް އަލްފަޤީހް އަޙްމަދުދީދީ އެފްރިކާގެ މުމްބާސާގައި އަވަހާރަވީ ވާހަކަ އާއި ދެކުނު ހަތް އޮޑި އެފްރިކާއަށް ބެހުނު ވާހަކަ“ އާއި، ”އިބްނު ބަޠޫޠާގެ ދަތުރުނާމާއިން ދިވެހިރާއްޖޭގެ ވާހަކަ ހުރި ހިސާބުގެ ތަރުޖަމާ“ އާއި، ”ދިވެހީންގެ ސަފަރުނާމާ“ އާއި، ”ފުރަ ބަންޑާރަ ފަރާތުން މާލޭގައި ކިޔާ ހަތަރު މައުލޫދުގެ ތަޤްރީރު“ ފޮތާއި، ”ކުދި ވާހަކަ ފޮތް“ މި ނަންދެވިފައިވާ ޢިބްރަތްތެރިވާހަކަތަކާއި، ތާނަ ޚުޠުބާ ފޮތް“ މި ނަންދެވިފައިވާ ފޮތް ވެސް ހިމެނޭމެއެވެ.
އަދި ކީއްތޯއެވެ. އެ މަނިކުފާނު ލިޔުއްވި ފޮތްތަކުގެތެރެއިން، ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޠޯގެ ރައިވަރާއި، ދިވެހި އަރުމާޒު ފޮތާއި، ނައިބުތުއްތުގެ ސިއްކަމޮހޮރީއާއި، ސުއްކަތުރާ ޚަބަރާއި، ތަޤްވީމުއްލިސާން މި ފޮތްފޮތުގައި އެކުލެވޭ ރައިވަރުތައް ހިމަނުއްވާ، އޭގެ މައްޗަށް ނުހަނު ފުރިހަމަ ޝަރަހައެއް އެކުލަވައިލައްވާ ހިޖުރައިން 1362 ވަނަ އަހަރު ލިޔުއްވި، ”ޝައިޚް ޒުބައިރު“ މި ފޮތަކީ، އަޅުގަނޑުގެ ހިތުގައި ނުހަނު ބޮޑު ޝައުޤުވެރިކަމެއް އުފެދޭ ފޮތެކެވެ. އެހެންޏާ ފަހެ، އެ ފޮތުގައި އެ މަނިކުފާނު ލިޔުއްވާފައިވާ މުޤައްދިމާއަކީ ވެސް، މަޢުލޫމާތުން ފުރިގެންވާ އަގުބޮޑު ޚަޒާނާއެކެވެ.
އެ މަނިކުފާނުގެ ޝާޢިރިއްޔަތުގެ ބަގީޗާއޭތޯއެވެ. އެ ބަގީޗާއަކީ، އެ ބަގިޗާއަކަށް ވަދެފި ކަތަކަށް، ދިރުމާއި ތާޒާކަން ގެނެސްދޭނެ ބަގީޗާއެއްކަން ކަށަވަރެވެ. އެ ބަގީޗާގައި ފޮޅިފައިވި ވަސްމީރު މާތައް، އަދިއަދަށް ވެސް، ތާޒާކަންމަތީގައި އެބަހުއްޓެވެ. އެކިކުލަކުލައިގެ ހިތްގައިމު ހިތަށް ތަސައްލީ ލިބިދޭ މާތަކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އެ މަނިކުފާނުގެ ޅެންތަކަކީ، އޭގެ މައްޗަށް ނަޒަރު ހުއްޓީ، އޭގައި ހުރި ފުންމާނަތަކަށް ބަސްހުއްޓި، އޭގެ ފަށުވިކަމާމެދު އަޖާއިބުކުރުވަނިވި ފުރިހަމަ ޅެންތަކެކެވެ. މި ގޮތުން ބަލާއިރު، އެ މަނިކުފާނު ޅޭން ނުހައްދަވާ މައުޟުޢުއެއް ނެތެވެ. ކޮންމެ މަޢުޟޫޢުއަކަށް ވެސް، ނުހަނު ފުރިހަމައަށް އިންސާފުކުރައްވާފައި އެބަހުއްޓެވެ. އެ ޅެންތަކުގެތެރެއަށް ފީނާ ހޯދައި ބެލިއިރު، އަޅުގަނޑުގެ އަތުގައި ޖެހެނީ ހަމަ އެއް ފެންވަރެއްގެ ޅެންތަކެކެވެ. ޅެމަކަށް ދޫކުރާނެ ޅެމެއްނެތެވެ. އެހެންނަމަވެސް ލޯ މަރައިލައިގެންހުރެ ނެގި ޅެމުގެ ބައިތަކަށް ބަލައިލިއިރު އެއީ އެ މަނިކުފާނު ހެއްދެވި ”ތުންޖިރަނީ“ މި ޅެމުގެ މި ބައިތެވެ.
”ފާފަތަކާއެކު ކުރެވޭ ހެޔޮކަން އާފާތެކޭ ހަމަޔޭ ބުނެތޭ
ރާޅުމަތީގައި ގެ ބިނާކުރުމުން ވާގޮތަށޭ ކަންނިމި އެދަނީ“
ދެންވެސް އަތުޖެހުނީ، އެހާމެ ފުރިހަމަ ޅެމެކެވެ. އާދެ! އެ މަނިކުފާނުގެ ”ފުރައަމެންގޭ މާދަރީބަސް“ މި ޅެމުގެ ފުރަތަމަ ބައިތެވެ.
”ކޮންމެ ބަޔަކަށް ވެސް އެ ބަޔަކު މޮށޭ ބަހެއްވެޔެ ދެރަނުވާ
އޮންނައިރު މޭރުން ވެދާހެން ށޭނިކަން ހަމަ އައްސަވާ“
މިޅެން އަތުޖެހުމުން، މި ޅެމާމެދު ފުންކޮށް ވިސްނައިލިއިރު، މިޅެމަށް ނަޒަރު ހިންގައިލިއިރު، އެ ޅެމުގެ ހަތްވަނަ ބައިތާއި، އަށްވަނަ ބައިތަށް ނަޒަރު ހުއްޓުނެވެ. ނަޒަރު ނުހުއްޓެންވީ ސަބަބެއް ވެސް ނެތެވެ. އެ ދެ ބައިތުން އަންގައިދެނީ، މި ފަދަ ދުވަހެއްގައި ހަނދާންކޮށްލަންޖެހޭ ވަރަށް މުހިންމު ނުކުތާތަކެކެވެ. އަޑުއައްސަވާށެވެ.
”މީހުނަށް ވެވިދާނެ ކަމަކީ، ހޯދުމޭ ދަސްކޮށް މޮޅަށް،
ހީއެވެތިގެން އުނގެނި އުޅުމުން އެއިގެހުރިތައް ޢިދުޤަވާ
އުނގެނި ދަސްކޮށް އުޅުނު ވަރަކުން ކުރިއަރާނެޔެ ބަސްބަހަށް،
ނުގެހިފަސް ހޯދައިބަލައި ބަސްތައްބުގިސް މަގުތައް އެވާ
އައިގޮތާ މެދު ބަސްއިހުއްސުރެ ވިސްނުމޭ ފަރުވާއަކީ،
ލައިބަހޯދައި ބަހުގެ މަގުއެނގިދާވަރަށް ފެނި ވާނުވާ“
ތެދެކެވެ. އަޅުގަނޑުމެންނަށް އޮތީ، އަޅުގަނޑުމެންނަށް ވެވޭނެކަމަކީ، ދިވެހިބަހުގައި ހުރި ހަމަތަކާއި، އުސޫލުތަކާއި، ޤަވާއިދުތައް އުނގެނި ދަސްކުރުމެވެ. ބަސް ކުރިއަރާނީ، އުނގެނުނު ވަރަކުންނެވެ. އޭގައިވާ ހަމަތައް ފަސްނުޖެހި ހޯދައި ދިރާސާކޮށްގެންނެވެ. އޭގެ ވެސް އެންމެ މުހިންމުކަމަކީ، ދިވެހިބަސް އައިގޮތާމެދު ވިސްނައި ފިކުރުކުރުމެވެ. ބަސް ބޭނުންކުރަންޖެހޭ ހަމަތައް އެނގި ލާބަލިބޭނީ އޭރުންނެވެ. ދިވެހިބަހަށް ފާގަތި މުސްތަޤުބަލެއް ލިބެންއޮތީ އޭރުންނެވެ. އެންމެންހައި ދިވެހިބަހުގެ އަހުލުވެރިންނޭވެ. ބަސްކުރިއަރުވާށެވެ. ފަސްއަޅައި ބަސް ވަޅުޖައްސަން މަސައްކަތްނުކުރާށެވެ. ވަސްމީރު މާތައް ފޮޅުވާށެވެ. އަސްލު ދިވެހިންގެ ގޮތްދައްކާށެވެ.

