ރާއްޖޭގައި ކޮރޯނާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، އެންމެ ގޯސް ހާލަތެއްގައި 98،000 މީހުންނަށް ބަލިޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ދިރާސާއިން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާގޮތުން، ފިޔަވަޅުތައް ވަރުގަދަ ކުރުމާއި އެކު އާއްމުންގެ އެއްބާރުލުން ލިބިއްޖެ ނަމަ މި އަދަދު ވަރަށް ބޮޑުތަނުން ދަށް ކުރެވޭނެއެވެ.
މި ސާވޭއާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސާ އަދި އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރިވުމަށް ރާއްޖެއަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެ ހާލަތެއްގައި 98،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށެވެ. އެއީ މާލޭ ސަރަހައްދުން އެކަނިވެސް 46،000 މީހުން ހިމެނޭ ގޮތަށެވެ. އަދި އަތޮޅުތަކުން 51،000 މީހުންނަށް ބަލީގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގައި ބަލި ފެތުރިދާނެ ނިސްބަތް ލަފާކޮށްފައިވަނީ، ދިވެހިންނާއި ބިދޭސީން އަދި ފަތުރުވެރިން ހިމެނޭ ގޮތަށެވެ.
”މުޖުތަމައުގެ ތެރޭގައި ހުންނަ މީހަކަށް ބަލި ޖެހޭތާ 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2500 މީހުންނަށް ބަލި ޖެހޭނެ ކަމަށް މި ބަލަނީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައިފިއްޔާ. އެ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު 5،000 އަށް ވުރެން ގިނަ މީހުން ބައްޔަށް އަލަށް ޕޮޒިޓިވްވާނެ ކަމަށް ލަފާ ވޭ“ ޑރ. ނަޒްލާ
ބަލި ޖެހޭތާ، 45 ނުވަތަ 50 ދުވަހުގެ ތެރޭގައި ޕީކްއަކަށް ދާނެ ކަމަށް ލަފާކޮށްފައިވާއިރު އެހާހިސާބުން ދެން ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ދުވާލެއްގެ މައްޗަށް 5000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ދިރާސާއަށް ދައްކާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފިޔަވަޅުތަކެއް ވަރުގަދަ ކުރެވި، އާއްމުން އެއަށް ބޯ ލަނބަމުން ދާނަމަ މި އަދަދުތައް ވަރަށް ބޮޑުތަކުން ދަށް ކުރެވޭނެކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، އެއްވެ އުޅުން މަދު ކުރުން ހިމެނެއެވެ. ދިރާސާގައި ވަނީ މިވަގުތު އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެކަނިވެސް ނަމްބަރުތަކަށް އަންނާނެ ބަދަލުތައް ފާހަގަކޮށްފައެވެ.
ކޮރޯނާ ވައިރަސް، ކޮމިއުނިޓީ ސްޕްރެޑްއަކަށް ބަދަލުވެއްޖެނަމަ އެޑްމިޓް ކުރަންޖެހޭނެ މީހުންގެ އަދަދާއި، އަދި އައިސީޔޫގައި ފަރުވާދޭންޖެހޭނެ ނިސްބަތް ގްރާފަކުން ވަނީ ދައްކާފައެވެ.
މި އަންދާޒާ ސާވޭ ހަދާފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުގެ މޮޑެލްތަކަށް ބިނާކޮށެވެ. ދިޔަވަޅު ނާޅާ ފަރުވާކުޑަކޮށްލެވިއްޖެ ނަމަ، މި ހާލަތު ވަރަށް ގޯސްވެގެން ގޮސްދާނެ ކަމަށް ދިރާސާއިން ދައްކައެވެ. އެގޮތުން، ފިޔަވަޅުތައް ވަރުގަދަ ނަމަ ބަލި އެންމެ ބޮޑަށް ފެތުރިގެން ގޮސްދާނެ ދުވަހެއްގެ ގޮތުގައި 105 ވަނަ ދުވަސް ލަފާކޮށްފައިވެއެވެ.
”ކޮންޓްރޯލްކުރަން ވަރަށް ގިނަ ކަންތައްތަކެއް ކޮށް، އެންމެން އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކޮށްފިއްޔާ، ވަރަށް ބޮޑަށް ޕޮޒިޓިވް ކޭސް ދަށްކޮށް، ޕީކް އަންނަ މުއްދަތު ވެސް ދަންމާލެވޭނެ….. ބަލި ޖެހިފައި ހުންނަ މީހަކު މުޖުތަމައުގެ ތެރޭގައި އުޅޭތާ 20 ދުވަހުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވޭވަރަށް ހަލުވިކަމާ އެކު ވަރަށް ބާރަށް ފެތުރިގެން ދާނެ. އެއީ މިސާލަކަށް އެކަކުގެ ފަރާތުން ދެ މީހަކަށް ޖެހުނީ. ދެ މީހުންގެ ފަރާތުން އިތުރު ހަތަރު މީހުންނަށް ޖެހުނީ. މިހެން ގޮސް 20 ދުވަސްވާއިރު ވަރަށް ބައިވަރު މީހުންނަށް ކޮންމެ ދުވަހަކު އިތުރަށް ބަލިޖެހޭނެ ކަމަށް ބަލަނީ“ ޑރ. ނަޒްލާ
ކޮރޯނާ ވައިރަސް ފެތުރި މީހެއްގެ ގައިގައި އެ ވައިރަސްގެ އަސަރު ފެންނަން ނަގާ އިންކިއުބޭޝަން މުއްދަތަކީ 14 ދުވަސް ނަމަވެސް، މިހާރުގެ މައުލޫމާތުތަކަށް ބަލާ ދިރާސާގައި ހިމަނާފައިވަނީ 5 ދުވަހެވެ. އަދި ރާއްޖޭގެ ވެސް އިންކިއުބޭޝަން ޕީރިއަޑްއެއްގެ ގޮތުގައި ބަލާފައިވަނީ ފަސް ދުވަހެވެ.
ބަލި ޖެހިފައި ހުރި މީހަކު މުޖްތަމައުއަށް ދޫވެފައި ހުރެއްޖަ ނަމަ، 20 ދުވަހުގެ ތެރޭގައި ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރިދާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ، އޭނާގެ ފަރާތުން އިތުރު ބަޔަކު އިންފެކްޓުވެ އަދި އެ މީހުންގެ ފަރާތުން އެ ބަލި ޓްރާންސްފާ ވަމުންދާތީއެވެ.
އެހެން ކަމުން، ޕީކްއަކަށް ގޮސްފިނަމަ ބަލީގެ ސަބަބުން 1300 މީހުން އޭރު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އައިސީޔޫގައި އެޑްމިޓް ކުރާ މީހުންގެ އަދަދު 450 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ކުރުމުން އެ އަދަދު 300 އަށް ދަށް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ޑރ. ނަޒްލާ ވަނީ ރާއްޖޭގެ ފިޔަވަޅުތަކަކީ، އާއްމުންގެ ތެރެއަށް ވައިރަސް ފެތުރިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަން ފާހަގަކޮށްފައެވެ.
”ބަލި ކޮންޓްރޯލު ކުރުމުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް އެޅުމުގައި ވަރަށް ގިނަ ކަންތައްތަކަށް ބެލިފައިވޭ. ސިއްހީ ނިޒާމަށް ކޭޓާ ނުކުރެވޭ ވަރަށް ބަލި ނުޖެހުން އެއީ ވަރަށް މުހިއްމު ކަމެއް .“ ޑރ.ނަޒްލާ
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭން މިހާތަނަށް 20 މީހަކު މި ބައްޔަށް ޕޮޒިޓިވް ވީއިރު، އެ މީހުންގެ ފަރާތުން އިތުރު މީހަކަށް ބަލި ފެތުރިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި ބަލި، އިތުރު މީހަކަށް ޖެހިޔަނުދިނުމަށް ހާއްސަ ސަމާލުކަމެއް ދެވުނު ކަމަށެވެ.
ވެރިރަށް މާލެއަކީ، އާބާދީ ބޮޑު، ތޮއްޖެހިފައި އޮތް ސަރަހައްދެއް ކަމުން މި ސަރަހައްދު ވެފައިވަނީ ބާރު ސްޕީޑެއްގައި ބަލި ފެތުރިގެން ގޮސްދާނެ ސަރަހައްދަކަށެވެ. މާލޭގައި އެކަނިވެސް ދެ ލައްކައެއްހާ މީހުން ދިރިއުޅޭއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނެއެވެ.
މާލެ ހިމެނޭހެން ފިޔަވަޅުތައް ވަރުގަދަ ކުރެވެމުން އަންނައިރު ޑރ. ނަޒްލާ ވިދާޅުވީ އެންމެ ބޮޑު ބިރަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް އާއްމުންނަށް ބަލި ޖެހި ފަރުވާދޭން ޖެހުން ކަމަށެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ވެސް ފަރުވާދޭންޖެހޭ ނިސްބަތް އިތުރުވެގެން ގޮސްދާނެ ކަމަށް ބަލާ ކަމަށެވެ. ނަމަވެސް، ބަލި ފެތުރިޔަ ނުދިނުމަށް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ޑރ. ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްޔަށް އަދިވެސް ސީދާ ފަރުވާއެއް ނެތްއިރު، ފަރުވާ ހޯދުމަށް ތަހުލީލުތަކާއި ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. އެހެން ކަމުން، ބައްޔަށް ފަރުވާއެއް ހޯދެން ދެން ނުވަތަ ވެކްސިނެއް ހޯދެންދެން ބަލި ކޮންޓްރޯލްވެފައި އޮތުން މުހިންމު ކަމުގައި ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްތޯ ބެލުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އާންމުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ފަރުވާއެއް ހޯދިފައިނުވާ މި ބަލި އާންމުންގެ ތެރޭގައި ނެތްކަން ޔަގީން ކުރުމަށް ދެ ގޮތަކަށް ދިރާސާއެއް ބައްޓަން ކުރަމުން އަންނަ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން އެއް ގޮތަކީ، ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމެވެ. ދެ ވަނައަށް، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމެވެ. އަދި ބައްޔާއި ގުޅިގެން ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްއަށް ދިޔަ މީހުންގެ ސާމްޕަލްތައް ނަގައި، އެއްވެސް ވަރަކަށް ކޮމިއުނިޓީ ތެރޭގައި އެއްވެސް އަސަރެއް ހުރިތޯ މީގެ ކުރިންވެސް ބަލާފައިވާނެ ކަމަށެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ފަސް މީހުންނަކީ ވެސް ރާއްޖެ އިން ބޭރުން އައުމުން އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި މީހުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އައީ އިނގިރޭސި ވިލާތުންނެވެ. ފަސް ވަނަ މީހާ އަކީ ފިލިޕީންސްގެ ވެރިރަށް މެލީނާ ލޮކްޑައުން ކުރުމާއި ގުޅިގެން ގެނައި ދަރިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
ރާއްޖޭގައި ފަރުވާދެމުން ދިޔަ ފަސް ދިވެހިންގެ ތެރެއިން، ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެ ތިން މީހުންކީ ވެސް އިނގިރޭސިވިލާތުން އެނބުރި އައި ދިވެހިންނެވެ.

