ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުއްދުވާގެ ހެޑްލީސް ވިއްކާލަނީ ނުއަގުގައި ކަމަށް ބުނާތީ އެމްޓީޑީސީގެ އެމްޑީއަށް މެމްބަރު ކުޑޫގެ ސުވާލުތަކެއް! 

އަޔާދާ މޯލްޑިވްސް ރިސޯޓު ހިންގަމުން އަންނަ މަގުއްދުވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު ހިންގުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް އެ ކޯޕަރޭޝަނުން ވިއްކާލަނީ ނުއަގުގައި ކަމަށް ބުނާތީ އެފަދަ މުއާމަލާތެއް ހިންގަން އުޅޭތޯ ސާފުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެމްޓީޑީސީގެ އާ އެމްޑީ ހާރިސް މުހައްމަދަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 2006 ވަނަ އަހަރުން ފެށިގެން ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން އެ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ގދ. މަގުއްދުވާ، ތުރުކީވާލަަށް ނިސްބްވާ ކުންފުންޏެއް ކަމަށްވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަބްލީސްކޮށްގެން އަޔާޑާ މޯލްޑިވްސްގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓުން އެމްޓީޑީސީއަށް ސަބްލީސް ރެންޓުގެ ގޮތުގައި ދާއިމީ ގޮތެއްގައި އާމްދަނީ ލިބެމުންދަނިކޮށް، އެ ކުންފުންޏަށް ރަށުގެ ހެޑްލީސް ނުއަގުގައި ވިއްކާލުމުގެ މުއާމަލާތެއް ހިނގާ ކަމަށް ދާދި ފަހުން މައުލޫމާތު ފެތުރިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ކޯޕަރޭޝަންގެ ހިއްސާދާރުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމުގެ ސައްހަ މައުލޫމާތު އާންމުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެފަދަ މުއާމަލާތެއް ހިނގާނަމަ އެ މުއާމަލާތާ ގުޅޭ މައުލޫމާތުތައް ފޮރުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން، މަގުއްދުވާގެ ހެޑްލީސް ވިއްކާލުމަށް އެއްވެސް މަޝްވަރާއެއް ހިނގާތޯ އަދި އެފަދަ މުއާމަލާތެއް ހިންގާފައިވާނަމަ އެފަދަ ނިންމުމެއް ނިންމިކަން އަދި ނިންމި ގޮތާއި ނިންމި ފަރާތުގެ މައުލޫމާތާއި އެ ނިންމުމުގެ ކޮޕީއެއް ދިނުމަށް ކުޑޫ އެދިވަޑައިގަތެވެ. އަދި އެ ކޯޕަރޭޝަނަށް އެ ރަށުގެ ސަބްލީސްގެ ގޮތުގައި ކޮންމެ ކުއާޓަރެއްގައި 1.2 މިލިއަން ޑޮލަރު ލިބޭއިރު، އެ މިންވަރަށް އާމްދަނީ ލިބޭނަމަ ސަބްލީސްގެ ދަށުން ލިބޭ އާމްދަނީގެ ބަދަލުގައި ހެޑްލީސް ވިއްކުމާ ގުޅިގެން ލިބޭނެ މަންފާއާއި ގެއްލުން ވަޒަންކޮށްފައިވާނަމަ އެކަމާ ގުޅޭ އެންމެހާ މައުލޫމާތާއި ލިޔުންތައް ހިއްސާކުރެއްވުމަށް ވެސް އެދިވަޑައިގަތެވެ.

އޭގެ އިތުރުން، ހެޑްލީސް ވިއްކުމާ ގުޅޭގޮތުން ވެލުއޭޝަނެއް ހަދާފައިވޭތޯ އާއި ހެޑްލީސް ވިއްކުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނަމަ އެއީ ކޮން ބަޔަކާއެކު ކަން ސާފުކޮށްދެއްވުމަށާއި، އެ ރަށުގެ ހެޑްލީސް ވިއްކައިފިނަމަ އެމްޓީޑީސީގެ ހިއްސާދާރުންނަށް ލިބޭ ޑިވިޑެންޓަށް އަސަރުކުރާނެ ގޮތާއި ހިއްސާގެ އަގަށް ކުރާނެ އަސަރާ ގުޅޭ އެސެސްމެންޓެއް ނުވަތަ ދިރާސާއެއް ހަދާފައިވާނަމަ އެކަމުގެ ތަފްސީލުތައް ދެއްވުމަށް ވެސް އެ ސިޓީގައި ކުޑޫ އެދިވަޑައިގަތެވެ.

ކުޑޫގެ ސިޓީގައި އިތުރަށް އެދިވަޑައިގަތީ އެމްޓީޑީސީގެ އެމްޑީ ދާދި ފަހުން ބަދަލުކޮށްފައިވާއިރު މަގުއްދުވާގެ ހެޑްލީސް ވިއްކާލުމުގެ މުއާމަލާތަށް ކުރީގެ އެމްޑީ އަހުމަދު ނިޔާޒު ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ނުވަތަ މެނޭޖްމަންޓުގެ ބޭފުޅުން ދެކޮޅު ހަދާފައިވާނަމަ އެކަމަށް ދެކޮޅު ހެދި ސަބަބުގެ ތަފްސީލު ދެއްވުމަށެވެ.

އެމްޓީޑީސީސީ އަކީ ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ސީދާ ހޯދައިދިނުމަށް އުފެއްދި ކުންފުންޏަކަށް ވާތީ އެ ކުންފުންޏަށް އާންމު ރައްޔިތުންނާއި ހިއްސާދާރުން ކުރާ އިތުބާރު ދެމެހެއްޓޭނީ އެފަދަ މުއާމަލާމާތްތައް ހިންގުމުގައި ހާމަކަމާއެކު މަސައްކަތްކުރުމުން ކަމަށް ކުޑޫ ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ އެމްޓީޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މަގާމުން ވަކިކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކުރިކަން ޕީސީބީން ހާމަކޮށްފައިވަނީ އިއްޔެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: