ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ މަޖިލިސް މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެމްޑިޕީގެ 13 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގާނޫނުއަސާސީން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސައީދު ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށެވެ.

އެގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، އިގްތިސާދީ ދާއިރާ ސިންދަފާތުކުރުން ކަމުގައިވީނަމަވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އެ ގާނޫނު އިސްލާހުކޮށް، ޓައުންޝިޕްގެ މަހްފޫމް ތައާރަފްކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށް އެ ސަރަހައްދުތަކުގެ ވެރިންނަށް ޓެކުހުން ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އަދި އެއީ ދިވެހި ދައުލަތުގެ ސަރަހައްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލިދާނެ ނުރައްކާތެރި ކަމެއް ކަމަށް ސިފަކޮށްފައިވެއެވެ.

އެ ޓައުޝިޕްތަކުގައި ބޭރު މީހުން ދިގު މުއްދަތަކަށް އުޅެވޭ ގޮތަށް މޯލްޑިވްސް ޕާލް ރެޒިޑެންސްގެ ނަމުގައި ރެޒިޑެންސް-ބައި-އިންވެސްޓްމެންޓް ޕްރޮގްރާމެއް މިނިސްޓަރު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެއީ ކަޅު ފައިސާ ދޮވުމަށާއި ޓެކްސްއަށް މަކަރު ހެދުމަށް މަގުފަހިވާ ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ނުރައްކާވާ ކަމެއް ކަމަށް އެ މައްސަލައިގައިވެއެވެ. އަދި އެފަދަ ކަންކަން މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ކުރިއަށް ގެންދިޔުމަކީ މިނިސްޓަރަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ބުނެފައިވެއެވެ.

ސައީދުގެ ވަޒީރުކަމުގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ޑޮލަރުގެ އަގު މައްޗަށް ދިޔުމުން، މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ބޭންކިން ނިޒާމަށް ޑޮލަރުގެ ދަތިކަން ކުރިމަތިވުމަކީ ”ތަބީއީ“ ކަމެއް ކަމަށް ވިދާޅުވެ މައްސަލައިގެ ސީރިއަސްކަން ކަނޑުވާލާފައި ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޑޮލަރުގެ އަގު 15.42 ރ. އަށްވުރެ ތިރިކުރާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި މަލޭ ވިޔަފާރި ބަނދަރު ތޮއްޖެހި، މުދާ ހުސްކުރުން ލަސްވުމުގެ ސަބަބުން މުދަލުގެ އަގު އިތުރަށް އުފުލި އޭގެ ބުރަ ރައްޔިތުން އުފުލަންޖެހިފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

އޭގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބަލަހައްޓާ ކަމަށާއި ބޭރު ގައުމުތަކުގައި ބޭއްވި އެކި އިންވެސްޓަރ ފޯރަމްތަކަށް ދައުލަތުގެ ހަރަދުގައި ވަޑައިގެންނެވިއިރު، އެފަދަ ދަތުރުތަކުން ރާއްޖެއަށް ވަތް އިންވެސްޓްމެންޓުގެ ތަފްސީލު ހާމަކޮށްފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ އޮޕަރޭޝަން ނުފެށި 6.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ކަމަށް އެ މައްސަލައިގައި ސިފަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކުރުމުން ކުރެވޭ ސުވާލަށް ސީދާ ޖަވާބުދިނުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަަތަކެއް ދައްކަވައި ޒިންމާއިން ރެކިވަޑައިގަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި 400 މިލިއަން ޑޮލަރާ ގުޅޭގޮތުން ސުވާލުކުރުމުން ސުވާލުކުރި މެމްބަރުގެ ސިޔާސީ ފިކުރަށް ހަމަލާދެއްވައި ހަގީގަތް އޮޅުވާލެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް އެ މައްސަލައިގައި ވެއެވެ.

އެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިދުމަތްދޭ ބިޒްނަސް ސެންޓަރު ބަންދުކޮށް، އެ ދާއިރާގެ ކުރިއެރުމަށް ހުރަސްއަޅައި، ކާމިޔާބުކަމާއެކު ހިނގަމުންދިޔަ އެސްޑީއެފްސީގެ މަސައްކަތްތައް މަޑުޖެހި، އެންމެ ފަހުން ބީއެމްއެލްއާ އެއްކޮށްލަން ނިންމުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އާންމުން ބިކަކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން އެމްޑީޕީން މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއާ ދެކޮޅަށެވެ. ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަ ފާސްކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: