ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)އާއި އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ބޭފުޅަކު ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެކި ޕޯސްޓުތަކުގައި، ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)އާއި، ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާއި، އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދުއާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ކުރިމަތިލައްވާފައިވާ ކަަމަށް ވަނީ އިއުލާނުކުރައްވާފައެވެ.
އެގޮތުން މިކަން އެންމެ ފުރތަމަ އިއުލާނުކުރެއްވީ މެމްބަރު ޝުޖާއުއެވެ. މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖާއު ވަނީ އެ ޕޯސްޓުގައި އޭނާ އިތުރު ދައުރަކަށް އިންތިހާބުކުރަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ސަބަބުތައް ވެސް ބަޔާންކުރައްވައިފައެވެ.
ޝުޖާއު ވިދާޅުވީ، 2013 އިން 2018 އަށް އޮތް ވެރިކަން ނިމުމާއެކު އޭރުގެ އަޑުގަދަ އެންމެން ޕާޓީން ފިލީ ކަމަށާއި އޭނާ އަކީ ނުފިއްލަވައި ރައީސް ޑރ. މުއިއްޒާއެކު އޮޑީގައި މަޑުކުރި މަދު މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
އިދިކޮޅުގައި އޮތްއިރު ހިތްވަރައެކު ކެރިގެން އެމްޑީޕީއާ ދެކޮޅަށް އިސްވެ ނުކުންނަވަން ކެރިވަޑައިގަތް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އަދި ގަދަ ކަނޑުގައި އޮޑި ދުއްވި އިރު ވެސް ވަރުބަލިކަމެއް، ފޫހިކަމެއް ނެތި، ބޮޑާ ނުހާކައި، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕާޓީގައި ސާބިތުވެ ދެމި ހުންނެވިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރަށް މިނިސްޓަރު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މަގާމަށްވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ޑރ މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކު ކަމަށެވެ. ސައީދު ވިދާޅުވީ އޭނާއަކީ ޕީއެންސީ އުފައްދައި ކުރު މުއްދަތެއްގެ ތެރޭ ބޮޑެތި ކާމިޔާބީތަކަކާއި ރައްޔިތުންގެ މަޤްބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑަރޝިޕްގައި މިއަދާ ހަމައަށްވެސް ޚިދުމަތްކުރަމުން ދިޔަ މީހެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިވަންތަ ޤައުމީ ފިކުރުގައި ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި، ފަހި ވަގުތުތަކާއި އުނދަގޫ ޙާލަތްތަކުގައިވެސް، ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖުރިބާވެސް ހުންނެވި ކަމަށެވެ.
މީގެ އިތުރަށް މުންދުވެސް އެ މަގާމަށް ވާދަކުރައްވަނީ 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށް، ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދެއްވުމުގެ އަޒުމުގައި ކަމަށެވެ. މުންދުގެ އިތުރުން މިނިސްޓަރ ރާއިފު އާއި ސައުދާވެސް ވަނީ ކުރިމަތިލައްވާފައެވެ.
މަތީ މަޖިލިސް ނުވަތަ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖައްސައި، އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މީގެކުރިން އެޕާޓީން ވަނީ ބުނެފައެވެ. ކޮންގްރެސްގެ އިންތިޒާމުތައް ބެލެހެއްޓުމަށާއި ކަންކަން ވިލަރެސްކުރުމަށް ޓަކައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް ވެސް އެކުލަވާލިއެވެ.

