އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް ފެށުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 2 ވާ ދުވަހުއެވެ. އެހެންކަމުން، އެ ދުވަހުގެ ރޭ 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެސް، އާންމު ދަތުރުފަތުރަށް އެ މަގު ބަންދުކުރެވޭނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުތައް ކަމަށްވާ ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމައި ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ވެސް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުގެ ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި މައްސަލަ ދިމާވީ ”ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުން“ ކަމަށް ބެލެވެއެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
މި މަރާމާތުގެ މަސައްކަތްތަކާއެކު، މަގުގެ ދިގުދެމިގެންދާ ފެންވަރު ރަނގަޅުކޮށް، އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

