ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުން އިންތިހާބު ކުރުމަށް ހާމަ ވޯޓެއް ނަގަން އެ ޕާޓީން ނިންމި ނަމަވެސް، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ މަގާމުތަކަށް މެންބަރުން ހޮވަންޖެހެނީ ސިއްރު ވޯޓަކުންކަން ހާމަވެއްޖެއެވެ.
ޕީއެންސީއަށް ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން، ސިއްރު ވޯޓުގެ ބަދަލުގައި އަތްމައްޗަށް ނަގައިގެން ފާޅުގައި ކުރިއަށްގެންދިއުމަށް ނިންމިކަން ރިޕޯޓު ކުރުމާއި އެކު އެކަން ދިފާއުކޮށް ރޭގެ ވަގުތެއްގައި ޕީއެންސީން ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ.
ބަޔާނުގައި ބުނެފައިވަނީ، އެ ޕާޓީން އަމަލުކުރަމުންދަނީ އީސީގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދަށް ކަމަށާއި، އެ ގަވާއިދުގެ ދަށުން ނައިބު ރައީސުން ހޮވަންޖެހެނީ ހާމަ ވޯޓަކުން ކަމަށެވެ.
ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ، ޕީއެންސީގެ އަސާސީ ގަވާއިދު ޕީއެންސީ އާންމު ކުރި ވާހަކަތަކާއި މުޅިން ތަފާތެވެ. އީސީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ޕާޓީގެ މަތީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރާއިރު ނަގަންޖެހޭނީ ސިއްރު ވޯޓެކެވެ. އެކަމަކު ޕީއެންސީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ގަވާއިދުގައި ވަނީ އެއީ 15 މެއި 2025 ގައި އިސްލާހުކޮށްފައިވާ ގަވާއިދެއް ކަމަށާއި، އެ ގަވާއިދުގެ ދަށުން ނަގަންޖެހެނީ ހާމަ ވޯޓެއް ކަމަށެވެ.
ވާދަވެރި އިންތިހާބެއްގައި، އިންތިޚާބު އިންތިޒާމުކުރާ ކޮމިޓީގައި ކެންޑިޑޭޓުން ތިއްބެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި މަގާމަށް ވާދަކުރުމުގެ ޝައުގު ގެންގުޅުއްވާ ބޭފުޅުން ވެސް ހިމެނެ އެވެ.
މި މައްސަލައިގައި ޕީއެންސީން ބުނީ، ޕާޓީގެ އެތެރޭގެ ހިންގުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ދެފުށް ފެންނަ، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކަމުގެ ޔަގީންކަން މެންބަރުންނަށް އަރުވާ ކަމަށެވެ.

