މިފްކޯގެ ސީއީއޯއަކަށް މި ސަރުކާރުގައި އައްޔަންކުރި ޑރ. ވިޓާލީ ލިއުބިމޮވްއަށް ތިން މަސް ދުވަހުގެ ނޯޓިސް ނުދީ މަގާމުން ވަކިކުރި ކަމަށް ބުނެ ތިން މަހުގެ މުސާރަ ހޯދަން އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެއެވެ. އޭނާ މަގާމުގެ ބާރު ބޭނުންކޮށްގެން އުސޫލުގެ ބޭރުން އަމިއްލައަށް ވަޒީފާގެ އެއްބަސްވުމެއް އެކުލަވާލިކަން އެ މައްސަލައިގެ ތެރެއިން ވަނީ ހާމަވެފައެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ވިޓާލީ މިފްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސިތާ ތިން މަސް ފަހުން އޭނާ ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ނޯޓިސް ދިނުމަކާ ނުލައި އޭނާ މަގާމުން ވަކިކޮށްފައިވާތީ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ ނޯޓިސްގެ ތިން މަހުގެ މުއްދަތަށް 42،000 ޑޮލަރު (647،640 ރުފިޔާ) އޭނާއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބެލި އެ މައްސަލައިގައި މިފްކޯގެ ފަރާތުން ބުނެފައިވަނީ ވިޓާލީއާއި މިފްކޯއާ ދެމެދު އޮތް ގުޅުން ތަރުތީބުކުރަން ވާނީ ވަޒީފާއާ ބެހޭ ގާނޫނާއި ވަޒީފާގެ އެއްބަސްވުމުގެ އަސާސްތަކުގެ މަތިން ކަމަށް ވިޓާލީގެ ފަރާތުން ބުނި ނަމަވެސް، އެފަދަ މަގާމުތަކަށް މީހުން އައްޔަންކުރުމާ ގުޅޭ އިޖުރާއަތުތައް އޮންނަނީ ކުންފުންޏާއި ބެހޭ ގާނޫނާއި ޕީސީބީގެ ގާނޫނާއި ކުންފުނީގެ ދުސްރޫގައި ކަމަށެވެ.
އެގޮތުން އޭނާ މަގާމަށް އައްޔަންކުރިކަމުގެ ސިޓީ އާއި މަގާމުގެ މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ހިމެނޭ އެއްބަސްވުމުގައި ސޮއިކުރަން އިންކާރުކުރިކަން މިފްކޯއިން ފާހަގަކުރިއެވެ. އެ ކުންފުނީގެ ފަރާތުން ބުނި ގޮތުގައި، އޭނާ ސޮއިކޮށްފައިވަނީ، މަގާމަށް އައްޔަންކުރި ފަހުން އޭނާގެ ދަށުގައިވާ އެޗްއާރް މުވައްޒަފުން ލައްވައި އޭނާ އަމިއްލައަށް ބޭނުންވާ ގޮތަށް ތައްޔާރުކުރި އެއްބަސްވުމެއްގައެވެ.
ވަޒީފާގެ އެއްބަސްވުމެއްގެ ސޫރައިގައި އެކުލަވާލި އެ އެއްބަސްވުން ކުންފުނީގެ ބޯޑަށް ވެސް ހުށަނާޅައި، ބޯޑުގެ ރުހުމަކާ ނުލައި އެޗްއާރްގެ ސީނިއާ މުވައްވަޒަފަކު ލައްވައި އެއްބަސްވުމުގައި ސޮއިކުރުވާފައިވާ ކަމަށް ކުންފުނިން ފާހަގަކުރިއެވެ. މިފްކޯގެ ހިންގުމުގެ ގަވައިދުގައިވާ ގޮތުން އެ ކުންފުނީގެ އެއްބަސްވުންތަކުގައި ސޮއިކުރެވޭނީ ޑިރެކްޓަރުން ނުވަތަ ބޯޑުން ހުއްދަދީފައިވާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، ހުއްދައާ ނުލައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިފްކޯގެ އެޗްއާރް ހިންގުމާ އޭރު ވަގުތީ ގޮތުން ހަވާލުވެ ހުރި މީހެކެވެ.
އެ އެއްބަސްވުމުގައި ސޮއިކުރި ތާރީހަކީ 18 ފެބްރުއަރީ 2025 ކަން އެނގެން އޮންނައިރު، އެ އެއްބަސްވުމުގައި އެއްބަސްވުން ފެށޭ ތާރީހު ކަމަށް ބަޔާންކޮށްފައިވަނީ 10 ޑިސެމްބަރު 2024 އެވެ. މިފްކޯއިން ފާހަގަކުރި ގޮތުގައި އެ ތާރީހަކީ ޕީސީބީން އޭނާ މަގާމަށް އައްޔަންކުރިތާ ފަސް ދުވަސް ފަހުގެ ތަރީހެކެވެ.
އެހެންކަމުން، ކުންފުނީގެ ގާނޫނާއި ޕީސީބީގެ ގާނޫނާއި ކުންފުނީގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ އެމްޑީ/ސީއީއޯ އައްޔަންކުރުމާ ގުޅޭ އުސޫލުތަކުގެ މައްޗަށް ބިނާކޮށް މިފްކޯގެ އެތެރޭގައި އަމަލުކުރާ އުސޫލުތައް ވިޓާލީ ހުއްޓުވާފައިވާ ކަމަށް މިފްކޯއިން ޓްރައިބިއުނަލުގައި ބުނެފައިވެއެވެ.
ބޯޑުގެ ރުހުމަކާ ނުލައި، ސީއީއޯ އާއި ކުންފުންޏާ ދެމެދު އޮންނަ ގުޅުން ބަޔާންކޮށްދޭ އެއްބަސްވުމެއް އަމިއްލައަށް ފަރުމާކޮށް، އޭގައި ސޮއިކުރަން އިރުޝާދު ދިނުމަކީ އެފަދަ މަގާމެއްގައި ހުންނަ ސަބަބުވެރި އިންސާނަކު ފަރުވާތެރިކަމާއެކު ވިސްނައިފިނަމަ މަސްލަހަތު ފުށޫއަރާ ކަމެއް ކަން އެނގޭނެ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.
މެނޭޖިން ޑިރެކްޓަރު ނުވަތަ ސީިއީއޯގެ މަގާމަށް މީހަކު އައްޔަންކުރަނީ ކޮންމެ ފަރާތަކުން ކަމުގައި ވީނަމަވެސް، އެ ފަރާތެއް ވަކިކުރާނީ ޕީސީބީން ކަމަށާއި އެ މަގާމުތަކުން މީހުން ވަކިކުރުމަކީ ހިއްސާދާރަށް ލިބިގެންވާ ހައްގެއް ކަމަށް ކުރީގެ ގަޒިއްޔާއެއް ކަމަށްވާ މުހައްމަދު އަހުމަދު ދީދީ ވ. އެމްޑަބްލިއުއެސްސީ އަދި ޕީސީބީ މައްސަލައިގެ ނިންމުމަށް ބެލުމުން އެނގޭ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ. އެހެންކަމުން، ޕީސީބީން އޭނާ މަގާމުން ވަކިކުރުމުން އޭނާއަށް ދޭންޖެހޭ އިތުރު ފައިސާއެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ، ވިޓާލީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަކީ އެކަމުގެ ހުއްދަ އޮތް ފަރާތެއް ނޫން ކަމަށާއި އެހެންކަމުން އެ އެއްބަސްވުމަކީ ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ. ޕީސީބީއަށް ގާނޫނުން ލިބިދީފައިވާ ބާރެއް، ޕީސީބީ އެ އެއްބަސްވުމެއްގައި ނުހިމެނޭ އެއްބަސްވުމަކުން ހަނިނުކުރެވޭނެ ކަމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ. އަދި އޭނާ މަގާމުން ވަކިކުރަން ޕީސީބީން ފޮނުވި ސިޓީގައި ވެސް ހަވާލާދީފައިވަނީ ޕީސީބީގެ ގާނޫނަށް ކަމާއި އެއްބަސްވުމަށް ހަވާލާދީފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އެ އެއްބަސްވުން ތަންފީޒު ނުކުރެވޭނެތީ އެއްބަސްވުމުގައި ބުނާ ނޯޓިސްގެ މުއްދަތަށް އޭނާއަށް ފައިސާ ނަގައިނުދެވޭނެ ކަމަށް ޓްރައިބިއުނަލުގެ މެމްބަރު މަރިޔަމް ރިޝްފާގެ ނިންމެވުމުގައި ކަނޑައަޅުއްވާފައިވެއެވެ.
މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް އައްޔަންކުރި ވިޓާލީއަކީ މިފްކޯގެ ތާރީހުގައި އެ މަގާމަށް އައްޔަންކުރި ފުރަތަމަ ބިދޭސީ މީހާއެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށެވެ. އެ މަގާމަށް ވިޓާލީ އައްޔަންކުރީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން އޭނާ ވަކިކުރަން ޕީސީބީން ނިންމުންނެވެ.

