އިދިކޮޅު އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ”ދަތިވެއްޖެ“ ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ، މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން މީޑިއާއިން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މާލޭގެ ކާރޫބާރޫ އެންމެ ބޮޑު މައި މަޖީދީމަގުގައި ސިޔާސީ ހަރަކާތްތައް ހިންގާއިރު، ވަގުތަށާއި ޓްރެފިކަށް ބަލަންޖެހޭ ކަމަށެވެ. އެ މަގެއް ބަންދުކޮށްގެން ސިޔާސީ ހަރަކާތްތައް ހިންގޭކަމަށް ވާނަމަ ނުވަތަ އެހެން މަގުތަކަށް އޭގެ އަސަރު ނުކުރާނެ ނަމަ، އެފުރުސަތު މީގެކުރިންވެސް ދީފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އެހެންނަމަވެސް މިހާރު އެދިވަޑައިގެންފައިވާ ގަޑިއަކީ ހުކުރު ދުވަހުގެ ރެއަށް ވާތީ އެގަޑިއަކީ ވަރަށް ކާރޫ ބާރޫ ބޮޑު ވަގުތަކަށް ވަނީ. އެހެން ވީމަ އެގަޑީގައި އެތަނަށް ނުދެވެނީ،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް މިހާރު ވާނީ ފުޅާކޮށްފައި ކަމަށާއި، އެ މަގުތަކުގައިވެސް ޚިޔާލުފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އާއްމު މަގުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބޭނުމުގައި މަޖީދީމަގު ބޭނުންކުރުމުގެ ޖާގަ ނުދެވުނު ނަމަވެސް، ފުޅާކޮށް ހުރި އެހެން މަގުތަކުގައި ޚިޔާލާއި ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީން ބުނެފައިވަނީ މިފަހަރުވެސް މަޖީދީ މަގު ނޫން ތަނެއްގައި މުޒާހަރާ ކުރިއަށް ނުގެންދާނެ ކަމަށެވެ. މިކަމުގައި ފުލުހުންގެ ފަރާތުން އަދި ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް، އެދެވޭ އިޝާރާތެއް ލިބިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަންވަރު އިބްރާހިމް ވިދާޅުވީ، އެމްޑީޕީން އުޅެނީ އަހަރީ ދުވަހުގެ ހިނގާލުމެއް ބާއްވާކަށް ނޫން ކަމަށާއި، އެ ޕާޓީން އުޅެނީ މުޒާހަރާއެއް ބާއްވަން ކަމަށެވެ. މާލޭގެ ބޭރުމަގުން މުޒާހަރާ ކުރުމުން އެއަޑު އިވެނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް އެކަނި ކަމަށާއި، މުޒާހަރާ މަޖީދީމަގުގައި ބާއްވަން ބޭނުންވަނީ ގިނަ ރައްޔިތުން އުޅޭނީ މަޖީދީ މަގުގައި ކަމަށްވާތީ ކަންބޮޑުވުންތަކުގެ އަޑު ހުރިހާ ރައްޔިތުންނަށް އިއްވުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޒާހަރާގެ ރޫޓު މިހާރު ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށާއި، އުއްމީދަކީ މަޖީދީމަގުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން މިފަހަރު ހުއްދަދިނުން ކަމަށް އަންވަރު ވިދާޅުވިއެވެ.

