ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހާލަތު ގޯސްވެފައިވާ މިންވަރު ރައީސް މުއިއްޒަށް ވަރަށް ތަފްސީލުކޮށް ކިޔާދިނިން: ސަރުވަޝް

ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލީ ހާލަތު އޮތް ނުރައްކާތެރި މިންވަރާއި، ބަޖެޓު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ފުރިހަމަ މައުޢުލޫމާތު މިހާރުގެ ސަރުކާރު ހަވާލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އިސް ޓީމަށް ވަރަށް ތަފްސީލީ ގޮތެއްގައި ކިޔައިދީފައިވާނެކަމަށް ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ސަރުވަޝް މިހެން ވިދާޅުވީ، ”ސަންގު“ އާއި ”އަދަދު“ ނޫސް ގުޅިގެން ކުރިޔަށް ގެންދާ ޑޮލަރު ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޕެނަލް ބައްދަލުވުމުގައި ސަރުވަޝް ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މަރުހަލާ ނުވަތަ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އޭނާގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކަށްވީ ދައުލަތުގެ އޭރުގެ މާލީ ހާލަތު އޮތްގޮތް އާ ސަރުކާރަށް ކިޔައިދިނުން ކަމަށެވެ. އެގޮތުން، އިންތިގާލީ މަރުހަލާގައި އެކުލަވާލި ކޮމިޓީގައި މިހާރުގެ ސަރުކާރުގެ ވަރަށް ސީނިއަރ ބޭފުޅުން ތިއްބެވިކަމަށާއި، އެ ބޭފުޅުންނަށް ހުރިހާ ތަފްސީލެއް ހިއްސާކުރެވުނުކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ބަޖެޓާ ގުޅޭގޮތުން ސަރުވަޝް ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަޖެޓު ފޫބެއްދުމަށް ބޭނުންވާ ފައިސާ ނުވަތަ ފައިނޭންސިން ގެޕް އިންތިހާއަށް ބޮޑުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި 2024، 2025 އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ވެސް މި ގެޕް ވަރަށް ބޮޑެވެ. ނަމަވެސް، މި ފައިސާ ހޯދާނެ ސީދާ ޕްލޭނެއް ބަޖެޓުގައި ސާފުކޮށް ލިޔެވިފައި ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ.

ސަރުވަޝް ވިދާޅުވީ، ސަރުކާރުން ބަޖެޓު ފޫބެއްދުމަށް ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ހޯދަން އުޅުމުން، ބާޒާރުގައި ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ، އާންމު ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޮންޓްރޯލް އަގުގައި ޑޮލަރު ނުލިބި، މާކެޓް ރޭޓަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހަމަ މި ހާލަތު ކިޔައިދެވިފައި އޮތީ. ވަރަށް ބޮޑު ތަފްސީލު ދެވިފައި އޮތީ. ރައީސް މުއިއްޒަށްވެސް ހާލަތު ކިޔައިދެވިފައި. އެހެންވީމަ ހާލަތު އެނގޭގޮތުގައި އޭރުވެސް ހާލަތަށް ކުރަންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ރަނގަޅަށް ހަވާލުވެވޭނެ

ސަރުވަޝް ވިދާޅުވީ ތިލަމާލެ ބްރިޖް ފަދަ ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދޫކުރަމުންދާ މަންޒަރު ފެންނަން ހުރި ނަމަވެސް، ދައުލަތުގެ ޖުމްލަ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ޑޮލަރު ހޯދޭނެ މާ ބޮޑު މަގެއް ފެންނާން ނެތް ކަމަށެވެ. މިއީ އައިއެމްއެފް އާއި ވޯލްޑް ބޭންކަށް އެކަނި އެނގޭ ކަމެއް ނޫންކަމަށާއި، ސަރުކާރަށް ވެސް މި ހަގީގަތް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސާދީ ގޮންޖެހުންތަކުގެ އުޒުރެއްގެ ގޮތުގައި ހަނގުރާމަތަކާއި ތެލުގެ އަގު ދެއްކުމުގެ ފުރުސަތު މިހާރު ކުޑަކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ، ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލުނު ކަމަށެވެ. ނަމަވެސް، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކުވެސް ތެލުގެ އަގު ހުރީ ގާތްގަނޑަކަށް 80 ޑޮލަރުގައި ހިފެހެއްޓިފައިކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން މިހާރު ތެޔޮ ބިލަށް ފައިސާ ދައްކަނީ ނުވަ މަސް ކުރިން ނަގާފައި ހުރި ތެލަށް ކަމަށްވާތީ، ދުނިޔޭގެ ބާޒާރުގައި މިހާރު އަގުތައް ހުރި ގޮތުން ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ނުޖެހޭނެއެވެ.

ސަރުވަޝް ވިދާޅުވީ މިއީ ހަގީގަތުގައި ދުނިޔޭގެ ހާލަތުގެ ސަބަބުން ދިމާވެގެން އުޅޭ މާ ބޮޑު ކަންބޮޑުވުމެއް ނޫން ކަމަށާއި، މިއީ ސީދާ ތެދަށް ކަންކަން ހާމަކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މައްސަލައެއް ކަމަށެވެ. މާލީ މެނޭޖްމަންޓް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ބަޖެޓުގެ ކަންކަން ކުރިއަށް ގެންގޮސްފިނަމަ، މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: