ތަކެތީގެ އަގު އުފުލެމުން މިދާ ރޭޓުގައި ރާއްޖޭގެ މިސްރާބު ހުރީ ހައިޕާ އިންފްލޭޝަންއާ ދިމާލަށް ކަމަށާއި އެއް އަހަރު ތެރޭގައި ރައްޔިތުންނަށް އެއްގޮތަކަށް ވެސް އަތްނުފޯރާ ހިސާބަށް ރާއްޖޭގެ ހާލަތު ގޮސްދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތަކެތީގެ އަގު އުފުލުމާ ގުޅިގެން އެމްޑީޕީން ކުރިއަށް ގެންދާ ދަތިވެއްޖެ އިހުތިޖާޖުގައި ރައީސް ނަޝީދު ވިދާޅުވީ، މި އަހަރު ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަނި އަދާކުރުމަށް އެއްކޮށްފައި ހުރި ފައިސާއަކީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައި ހުރި ރިޒާވް ކަމަށެވެ. މި ސަރުކާރުން ދަރަނި އަދާކުރަން އެ ރިޒާވުން ފައިސާތައް ދެމުން ގެންގޮސް މިހާރު ޑޮލަރު އެއްކޮށް ހުސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަޅު ބާޒާރުން ފަދަ އެހެން ގޮތްގޮތުން ޑޮލަރު ހޯދަން ސަރުކާރަށް ޖެހެނީ އެކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ އަގު 23 ރ. އާ ހިސާބަށް މައްޗަށް ދާއިރު، މި ސަރުކާރު ދެމިއޮތްހާ ހިނދެއްގައި ދެން ދަށަށް ގޮސްދާނެ ކަމަށް ވިދާޅުވަން ދަތި ކަމަށެވެ. އަދި ޑޮލަރުގެ އަގު އަރައިގެންދާނެ މިންވަރެއް އެމްއެމްއޭއަކަށް އަންދާޒާކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް މިހާރު ބުނަން ދަތި އެއްވެސް އިރެއްގައި މި ސަރުކާރު ދެމިއޮތްހާ ހިނދެއްގައި ދެން ދަށަށް ގޮސްދާނެ ކަމަކަށް. އަދި މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރުގެ އަގު މައްޗަށް އަރައިގެން ދާނެ މިންވަރެއް ވެސް ހަގީގަތުގައި މި ސަރުކާރަށް އެމްއެމްއޭއަކަށް އަންދާޒާކުރެވޭކަށެއް މިހާރަކު ނެތް،“
ދައުލަތުން ތެލަށް އެކަނި 100 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭއިރު، ކާނާއާއި ބޭހަށް އަދި އިމްޕޯޓުކުރާ އެހެނިހެން އަސާސީ ތަކެއްޗަށް ކުރަންޖެހޭ ހަރަދު ކުޑަނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑޮލަރު ހުސްވެ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާއިރު، ގައުމުތަކުގެ ތަޖުރިބާއިން އެނގެނީ ރާއްޖެ މި އޮތީ ހައިޕާއިންފްލޭޝަން ނުވަތަ އިންތިހާއަށް ތަކެތީގެ އަގު އުފުލުމާ ދިމާލަށް މިސްރާބު ޖަހާފައިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އިންފްލޭޝަން މިދާ ރޭޓުގައި މައްޗަށް ދަމުންދާއިރުގައި ގައުމުތަކުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް އެނގެން އޮތީ ރާއްޖެ މި އޮތީ ހައިޕާ އިންފްލޭޝަންއޭ މި ބުނާ ހާލަތަށް މިސްރާބު ޖަހާފައި. ތަކެތީގެ އަގު އެއްގޮތަކަށް ވެސް، އެއްގޮތަކަށް ވެސް ރައްޔިތުންނަށް އަތް ނުފޯރާ ހިސާބަށް އަހަރެއް ދުވަހުގެ ތެރޭގައި ދިޔުމަކީ މިހާރު ދެކެވޭ މަންޒަރެއް، ދެކެވޭ ހިތާމަވެރި މަންޒަރެއް،“ ރައީސް ނަޝީދު
ޑޮލަރުގެ އަގު މައްޗަށް ދާ ވަރަކަށް ތަކެތީގެ އަގު އިންތިހާއަށް އުފުލޭކަން ރައްޔިތުންނަށް ސާފުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ މީހުން ކިޔައިދޭން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދަތިވަމުންދަނީ ރައްޔިތުންގެ ޖީބަށް ކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ސަރުކާރަށް ގޮވާލަނީ ސިޔާސަތުތައް ބަދަލުކޮށް ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އެކަން ހައްލުކުރެވޭނެ ގޮތް އެނގޭ ކަމަށާއި އެމްޑީޕީއާ މަޝްވަރާކުރަން ސަރުކާރަށް ގޮވާލައްވަނީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
ޑޮލަރުގެ އަގު މައްޗަށް ދަނީ ދެ ނޫހަކުން ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި މިންވަރަކަށް ޑޮލަރުގެ އަގު ދާނީ މައްޗަށް ދަމުން ކަމަށެވެ.
އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ލިބޭ ޑޮލަރުން 20 އިންސައްތަ މާރުކުރަން ޓޫރިޒަމް އިންޑަސްޓްރީއަށް މަޖުބޫރުކުރަން އުޅޭއިރު، ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އެ މީހުން އަތުގައި ހުރި ފައިސާ ރާއްޖެއިން ބޭރަށް ގެންދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ރިސޯޓުތަަކަކީ ވަރަށް ގިނަ ބޭރު މީހުންގެ އިންވެސްޓްމެންޓުތައް ކަމަށާއި އެ އިންވެސްޓްމެންޓުތަކަށް އަދި އެ ލޯނުތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭނެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހަގީގީ ހިސާބުތަކެއް ޖައްސަވައިފިނަމަ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

