ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާކުރުމުން ޑޮލަރުގެ ކަޅުބާޒާރު ހުއްޓޭނެތަ؟

ބީއެމްއެލްގެ ޑޮލަރު އޭޓީއެމުން މީހަކު ފައިސާ ނަގަނީ: -- ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގުތިސާދަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާ، ވަކިން ހާއްސަކޮށް އެމެރިކާ ޑޮލަރު ލިބުމުގައި ހުރި ދަތިތަކާއި އޭގެ ސަބަބުން އުފެދިފައިވާ ކަޅުބާޒާރެވެ.

ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާއަށް ވުރެ މައްޗަށް އަރައިފައެވެ. މި މައްސަލަ ހައްލުކުރުމަށް ގާނޫނަށް އިސްލާހު ގެނެސް، ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އުފެދޭ މައިގަނޑު ސުވާލަކީ، ހަމައެކަނި ޖޫރިމަނާ ކޮށްގެން މި މައްސަލަ ހައްލުވެ، ކަޅުބާޒާރު ހުއްޓުމަކަށް އަތުވެދާނެތޯއެވެ؟

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ މަތީ އަގުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމަކީ ކުށެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ. މިފަދަ ކުށްތަކަށް 25،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ރަސްމީ ރޭޓަށް ވުރެ މަތީ އަގުތަކުގައި ޑޮލަރު ގަނެވިއްކުމުގެ މައުލޫމާތު އިޝްތިހާރު ކުރުމާއި އާންމުކުރުމަކީ ވެސް ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ އަމަލުތަކަށް ވަކިވަކި ފަރުދުންނަށް 500،000 ރުފިޔާއާ ހަމައަށް އަދި ކުންފުނިތަކަށް 5 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ވަނީ ހުށަހަޅައިފައެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކަޅުބާޒާރެއް އުފެދެނީ ހަމައެކަނި ގާނޫނީ ހަރުދަނާކަން ކުޑަވުމަކުން ނޫން ކަމެވެ. އޭގެ އަސްލަކީ އިގުތިސާދީ ގޮތުން ބޭރު ފައިސާގެ ޑިމާންޑާއި ސަޕްލައި ނުބައްދަލުވުމެވެ.

ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ދުވަހުން ދުވަހަށް ބޭނުންވާ މިންވަރަށް ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ނުލިބެއެވެ. ބޭންކުތަކުން އެކަށީގެންވާ އަދަދަކަށް ޑޮލަރު ފޯރުކޮށްނުދެވޭ ހާލަތުގައި، ވިޔަފާރިތައް ހުއްޓުނަނުދިނުމަށް ޓަކައި ކޮންމެ އަގެއްގައި ނަމަވެސް ބޭރު ފައިސާ ގަތުމަށް މީހުން މަޖުބޫރުވެއެވެ. އެހެންކަމުން މިއީ އިގުތިސާދީ އަސްލުތަކަކާ ގުޅިފައިވާ މައްސަލައެކެވެ.

ބޮޑެތި ޖޫރިމަނާތަކެއް ތަންފީޒު ކުރަން ފެށުމުން، ސޯޝަލް މީޑިއާ އާއި ފާޅުކަން ބޮޑުކޮށް ހިންގާ ޑޮލަރުގެ މުއާމަލާތްތައް މަދުވެދާނެއެވެ. ނަމަވެސް، ޑޮލަރުގެ އަސްލު ދަތިކަމަށް ހައްލެއް ނުލިބޭނަމަ، މި ވިޔަފާރި އެއްކޮށް ހުއްޓުމުގެ ބަދަލުގައި އިތުރަށް ސިއްރުވެ، ބިރުވެރިކަމާއެކު ހިންގާ މުއާމަލާތަކަށް ބަދަލުވެގެންދާނެއެވެ. އަދި ޖޫރިމަނާގެ ބިރަށް ޓަކައި ’ރިސްކް ޕްރީމިއަމް’އެއް އިތުރުވެ، ޑޮލަރުގެ އަގު އިހުނަށް ވުރެ ވެސް މައްޗަށް ދިއުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން މައުލޫމާތު ފެތުރުން މަނާކުރުމަކީ ބާޒާރުގެ ހަގީގީ އަގު ދެނެގަތުމަށް ހުރަސްއެޅި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމަށް ވެއްދޭނެ ހަރުދަނާ އުސޫލުތަކެއް ތަންފީޒުކޮށްގެންނެވެ. މިގޮތުން ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމް ކޮށްފައިވާއިރު ތަންފީޒްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަންވީއެވެ. ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމާއި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ދަށްކުރުން މުހިންމެވެ. ބޭންކުތައް މެދުވެރިކޮށް ފަސޭހައިން ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފެށުމުން، ކަޅުބާޒާރަށް އޮތް ޑިމާންޑް އަމިއްލައަށް ނެތިގެންދާނެއެވެ.

ސަރުކާރުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމަކީ އެއް ފިޔަވަޅު ކަމުގައި ވިޔަސް، ހަމައެކަނި އެކަމުން މި މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭނެ ކަމެވެ. މައްސަލައިގެ އަސްލަކީ އިގުތިސާދުގައި ޑޮލަރު ތަދުވުން ކަމަށްވާއިރު، އެކަން ހައްލުކުރެވޭނީ ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް އަޅައިގެންނެވެ. އެހެންކަމުން، ގާނޫނީ އަދަބުތަކުގެ އިތުރުން އިގުތިސާދީ ދުޅަހެޔޮ ސިޔާސަތުތަކެއް އެކުލަވާލައިގެން މެނުވީ ޑޮލަރުގެ ކަޅުބާޒާރު ނައްތައެއް ނުލެވޭނެއެވެ. މިއީ ސަރުކާރުން ގަބޫލުކުރަން ޖެހޭ މިއަދުގެ ހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: