ޑޮލަރުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާއި އަދި ނޫސްތަކުގައިވެސް ލިޔާނެ ކަމަށް ވިިދާޅުވެ ގާނޫނުއަސާސީއާ ހިލާފު ގާނޫނުތަކަށް ތަބާ ނުވާން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
ފައްޔާޒް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮކިއުމެންޓރީގެ މައްސަލަ މަނާކުރަން ގެގް އޯޑަރު ނެރެ ޑޮލަރު ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެއްވެސް މިހާރު ސަރުކާރުން ނެރެއްޖެ ކަމަށެވެ. ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑޮލަރުގެ ވާހަކަތައް ދިވެހިން ދައްކާނެ ކަމަށާއި އަދި ނޫސްތަކުން ލިޔާނެ ކަމަށެވެ. މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުން ނޯތު ކޮރެއާގެ ހާލަތަށް ރާއްޖެ ވައްޓާލައިފި ކަމަށް ވިދާޅުވެ ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނަކަށް ތަބާނުވުމަށް ފައްޔާޒް ވަނީ ގޮވާލާފައެވެ.
ފައްޔާޒް އެ ވާހަކަ ފާހަގަކުރައްވާފައިވަނީ ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރުމުންނެވެ.
އެ ބިލަށް އިތުރު އިސްލާހު ގެނައުމަށް އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާއިރު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބަދަލުތަކެއް ގެންނަން ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ފާސްކޮށްފައެވެ.
ބޭރު ފައިސާއާ ބެހޭ ބިލަށް މާލިއްޔަތު ކޮމެޓީން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެެކެވެ.

