ޑޮލަރުގެ އަގު އުފުލޭ ޚަބަރު ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް އެންމެ ފަހުން ގެނައި އިސްލާހަކީ ހައިރާންކުރުވަނިވި ނިންމުމެއް ކަމަށާއި ސަރުކާރުން ދުވާލަކު އެއްފަހަރު ބަދަލުކުރާ ސިޔާސަތުތަކުން ހާލަތު ވަނީ އިތުރަށް ގޯސް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ދުވަހުން ދުވަހަށް އުފުލެމުންދާއިރު، އޭގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ވެސް ދަނީ އިންތިހާއަށް ބޮޑުވަމުން ކަމަށެވެ. ހަމައެއާއެކު، ބޭރު ފައިސާއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ސަރުކާރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބަދަލުތައް ގެންނަމުން ދިއުމަކީ، މިކަމުގައި ސާފު މިސްރާބެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސިޔާސަތުތަކަށް މިގޮތަށް ގެނެވޭ ކުއްލި ބަދަލުތަކުގެ ސަބަބުން ބާޒާރުގެ އިތުބާރު ގެއްލި، އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެންދާ ކަމަށެވެ. ޑޮލަރުގެ އަގު އުފުލޭ ޚަބަރު ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް އެންމެ ފަހުން ގެނައި އިސްލާހަކީ ބަލައިގަންނަން އުނދަގޫ، ހައިރާންކުރުވަނިވި ނިންމުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއީ މައްސަލައިގެ އަސްލަށް ހައްލެއް ހޯދުމުގެ ބަދަލުގައި، އެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތައް ކުށްވެރިކޮށް ފިޔަވަޅު އެޅުމުގެ ނަމޫނާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުއާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.
އެގޮތުން ރައީސް ޞާލިހް ވިދާޅުވީ ޢާންމު މަޞްލަޙަތާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ނޫސްވެރިން ފާރަވެރިވާން ޖެހޭނެ ކަމަށެވެ. ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ޞާލިހް ވިދާޅުވީ ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ވަގުތުން ގެނެސްދިނުމަކީ ވެސް ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ޤާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަން ހާމަކުރަން ޖެހޭނެ ކަމަށެވެ. އަދި ޑޮލަރުގެ އަގު ދަށްވާނަމަ އެކަން ވެސް ހާމަކުރަން ޖެހޭނެ ކަމަށާއި ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ޞާލިހް ވިދާޅުވިއެވެ.
މި މައްސަލައިގައި ޝާހިދު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ ޙައްޤުގައި ތަޅު ނޭޅުވޭނެ ކަމަށާއި ޑޮލަރު އަގު ބޮޑުވުމުގެ ކަންބޮޑުވުމުގެ ވާހަކަ ރައްޔިތުންނަށް ދެއްކޭނެ ކަމަށެވެ.
”ކަސްތޮޅުން ކަންކަން ހައްލުކުރަން ނޫޅެ ދެފުށް ފެންނަ ސިޔާސަތުން ރައްޔިތުންނަށް ހައްލުތައް ދައްކަންޖެހޭ. ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު އޮތީ ބޮޑުތަނުން ފެއިލްވެފަ.“
ޝާހިދު ވިދާޅުވީ މިސްރާބު ހަމަ މަގަށް ނޭޅިއްޖެނަމަ ޤައުމުގެ އިޤްތިޞާދަށް އިޢާދަ ނުކުރެވޭފަދަ ގެއްލުންވެ ރައްޔިތުން ބިކަވެ ވިޔަފާރިތައް ފުނޑުފުނޑުވެދާނެ ކަމަށެވެ.

