ތިނަދޫ ސިޓީގައި މީހުން އާބާދުވިތާ 60 އަހަރު ފާހަގަކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިނަދޫ ސިޓީއަށް ވަޑައިގެފިއެވެ.
ތިނަދޫއަށް މިރޭ ދެ ރައީސުންވެސް ވަޑައިގެންފައިވާއިރު ވަރަށް ހޫނު މަރުހަބާއެއް އެ ސިޓީން ދެ ރައީސުންނަށް ވަނީ ދަންނަވައިފައެވެ. ތިނަދޫ ސިޓީގައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު ދެ ރައީސުން ހާއްސަ ޖަލްސާއެއްގައި ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ދެކުނުގެ ތިން އަތޮޅުން އުފެއްދި ”ސުވަދީބު ހަރަކާތް“ ކޮންޓްރޯލްކުރަން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޯޑަރަށް ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކުރީ ފެބްރުއަރީ 4، 1962 ގަ އެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން ބަދަލުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، އޮގަސްޓު 22، 1966 ގަ އެވެ.
އެ ދުވަހަށް 50 އަހަރު ފުރުން ފާހަގަކުރަން 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށް، އޭރުގެ ރައީސް ޔާމީން ތިނަދުއަށް ވަޑައިގެންނެވި އެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ މީހުން އަލުން އާބާދުވިތާ 60 އަހަރު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެހަރާތްތައް މިހާރު ފެށިފައިވާއިރު، އެކި ރޭސްތަކާއި، ސާގާފީ ހަރަކާތްތަކާއި ކެއުންތަކާއި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

