”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދަން ހުށަހެޅި ފޯމުތަކުގައި ހުރި މައްސަލަތައް ހައްލުކުރަން ހަތް ދުވަސް ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
އެގޮތުން، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، އެ މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
އެ އިއުލާނުގައިވާ ގޮތުން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަހުގެ މުއްދަތެއް ފޯމު ހުށަހެޅި ފަރާތަށް ލިބިގެންދާނެއެވެ.
އެ ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެންގާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެއެވެ.
މިނިސްޓްރީން ބުނީ، އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ބޯހިޔާވަހިކަން ޕޯޓަލް އެކަނި ކަމަށެވެ. އަދި އެ މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީއާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ބުނެފައިވެއެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއުން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ.

