ލާމަރުކަޒީ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް 10،000އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލަކީ ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމުގެ ރޫހާ މުޅިން ހިލާފަށް، ބާރުތައް މަރުކަޒު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސަންފާމަންޒިލް، އަލީ ނަބީލް ފެށި އެ ފެޓިޝަނުގައި ގޮވާލާފައި ވަނީ އެ އިސްލާހަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާޙަކަށް ވާތީ އިސްލާހު ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އެ ޕެޓިޝަނަށް މިހާތަނަށް ވަނީ 10100 އަށް ވުރެ ގިނަ ސޮއި ހަމަވެފައެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ އެ ޕެޓިޝަނުގައި ސޮއިކުރުވަމުންދަަނީ ސަރުކާރު ކުންފުނިތަކާއި އެހެނިހެން ވަޒީފާތަކުގައި އުޅޭ މުވަައްޒަފުންނަށް ބިރު ދައްކައިގެން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މައިގަނޑު ބަދަލަކީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ 56 ވަނަ މާއްދާގެ (ލ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ. އިތުރުކުރަން ހުށަހަޅާފައިވާ އަކުރުގައި ވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އޭގެ އިތުރުން، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކާ ކައުންސިލުން ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމަކަށް ހެދުމަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އަދި ކައުންސިލަރުން ކޮށްގެން ނުވާނެ އަމަލުތަކުގެ ތެރޭގައި އެކަން ހިމެނުމަށް ވެސް ހުށަހަޅާފައިވެއެެވެ.

