ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު އިންވެސްޓްމަންޓުގެ ބާޒާރުގައި މިހާރު ރާއްޖެއަކީ މަގުބޫލު މަންޒިލެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގްތިސާދާ ބެހޭ ފޯރަމްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ގެނެސްފައިވާ އިންވެސްޓްމެންޓުތަކުން ކުދި ޖަޒީރާ އިގުތިޞާދުތަކަށް އޮންނަ އިތުބާރު ބޮޑުވެފައިވާކަން ހާމަވެގެންދާ ކަމަށެވެ.
އެގޮތުން ގޫގުލްއިން އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ ”ދިވަރު“ ސަބްމެރިން ކޭބަލް މަޝްރޫޢު، އަދި ނޫނު އަތޮޅުގައި ހިންގާ ”އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް“ ފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ތާރީޚުގައި އަމިއްލަ ފަރާތަކުން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓުތައް ކަމަށް ވިދާޅުވިއެވެ. އެފަދަ އިންވެސްޓްމެންޓުތަކުގެ ސަބަބުން އިންވެސްޓްމެންޓުގެ ބާޒާރުގައި މިހާރު ރާއްޖެއަކީ މަގުބޫލު މަންޒިލަކަށްވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަޖައަށް ރާއްޖެއަށް ވާސިލްވެވުނީ ތަރައްގީއަށް އިސްކަންދޭ ސިޔާސަތުތަކުގައި ދެމިތިބުމުގެ ސަބަބުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހާސިލުކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ދަތުރުގައި އިންވެސްޓަރުންނަކީ މުހިންމު ބައިވެރިއެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ފާއިތުވި 45 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިސްލާޙުކުރެވުނު އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ސާފު އަދި އިތުބާރު ހުރި އޮނިގަނޑެއް ފަހިކޮށްދޭނެ ޤާނޫނެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އިންވެސްޓްމެންޓުގެ ދާއިރާގައި ވާދަކުރުމާއި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

