ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓްވުމާއި ގުޅިގެން ބައެއް ވަޒީރުން އައިސޮލޭޝަންގައި އެބަތިބި ކަމަށް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މީ ކޮވިޑް-19 އާއި ގުޅިގެން ވަޒީރުންތަކެއް އައިސޮލޭޝަންގައި ތިއްބެވި ކަމަށް ރަސްމީކޮށް ސަރުކާރުގެ ފަރާތުން އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ. ނަމަވެސް އެއީ ކޮންކޮން ވަޒީރުންނެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.
ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި ފަރާތްތަކުގެ ފަސްޓް ޑައިރެކްޓް ކޮންޓެކްޓާއި ގުޅިގެން މިވަގުތު ބައެއް ވަޒީރުން އައިސޮލޭޝަންގައި އެބަ ތިބި ކަމަށެވެ.
އައިސޮލޭޝަންގައި ތިއްބެވި ވަޒީރުންގެ ނަންތައް ހާމަނުކުރެއްވިޔަސް، މިހާރުވެސް އިމެންޖެންސީ ސެންޓަރުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ވަޒީރުންގެ ނަންތައް އަލީ ވަހީދު ވިދާޅުވިއެވެ.
އެގޮތުން ޑިފެންސް މިނިސްޓަރ މާރީއާ އަޙުމަދު ދީދީއާއި، ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ އިތުރުން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ ނަން އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.
އަލީ ވަހީދު މި ގޮތަށް ވިދާޅުވިއިރު ބައެއް ވަޒީރުންނަކީ، ކޮރޯނާ ވައިރަހާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ޝާމިލްވެގެން އުޅުއްވާ ބޭފުޅުންނެވެ. އަދި ބައެއް ވަޒީރުން ފަތުރުވެރިންނާއި، ބިދެސީންނާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާފައި ވެއެވެ.
ކޮރޯނާ ވައިރަހުން އަރައިގަތުމަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދަނީ. އެކަމުގައި އުޅޭ ކޮންމެ މީހަކީ ކޮންމެ ވަގުތެއްގައިވެސް ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހިނގައިދާނެކަން އެނގި ތިބެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެކަކު ނެތް ނަމަ، އަނެކަކު ހުންނާނެ ކަމަށާއި، ވަޒީރުންގެ މަޖިލީހާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ސަރުކާރު ތަރުތީބުކޮށްފައިވާ ކަމަށެވެ.
އައިސޮލޭޝަންގައި ތިއްބެވި ވަޒީރުންގެ ހާމަކޮށްފައި ނުވިނަމަވެސް، އިހުސާން ފިހާރައިގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އަމިއްލަފުޅަށް އައިސޮލޭޝަނަށް ވަޑައިގަންނަވާފައެވެ. އޭރު މަހުލޫފް ގެންދެވީ ގޭގެއަށް ތަކެތި ޑެލިވެރީ ކޮށްދިނުމަށް ވޮލަންޓިއަރ ކުރި 300 އަށް ވުރެ ޒުވާނުނާއެކު އެމަސައްކަތް ކުރައްވަމުންނެވެ.
މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް ފެނުނު ހިސާބުން މުލިއާގޭގައި ބާއްވަމުން އައި ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގެ ކުރިން ކޮންމެ ރެއެއްގެ ވެސް 9:30 ގައި ޓާސްކް ފޯސްގެ ބައްދަލުވުންތައް ކުރިއަށް ދިޔައެވެ.
މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ ގިނަ އޮފިޝަލުން ގެންދެވީ ބައިވެރިވެވަޑައިގަންވަމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވަނީ 214 މީހެކެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ޝިފާ ލިބިފައެވެ.

