ކޮރޯނާ ވައިރަހާއި ގުޅިގެން، އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމަށާއި، އަދި ޝައްކެއް ނުއުދޭވަރަށް ލިޔެކިޔުންތައް ވެސް ހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އަލީ ވަހީދު ވަނީ އިތުރުކުރި ކަރަންޓީން ފެސިލިޓީތަކުގެ މައުލޫމާތުތައް ދެއްވާފައެވެ. އަދި މިހާރުވެސް ބޭނުން ކުރަމުން އަންނަ ފެސިލިޓީތަކަށް ހަރަދުވީ މިންވަރާއި ގުޅޭ ތަފްސީލުތައް މިނިސްޓަރ ވަނީ ދެއްވާފައެވެ.
އެގޮތުން އަލީ ވަހީދު ވިދާޅުވީ، ބައްޔާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯސްއިން އަންނަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުގައި އިތުރު ފެސިލިޓީތައް ގާއިމް ކުރާނެ ކަމަށެވެ. އަދި އެތަންތަނަށް މާލެ ސަރަހައްދުގައި އުޅޭ ބިދޭސީން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ފެސިލިޓީތައް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ފެސިލީޓިތަކާއި ގުޅިގެން ދެކެވޭ ވާހަކަތަކުގެ ރައްދުގައި އަލީ ވަހީދު ވިދާޅުވީ، އެއްވެސް ކަމެއް ގާނާއި ގަވައިދާއި ހިލާފަށް ކުރިޔަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. ކޮރަޕްޝަނާއި، އަދި އިތުރު މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ވަކިކަމެއް ކޮށްފައިވާނެކަމަށް ބުނެ ވެސް އިނގިލި ދިއްކުރާނެ ޖާގައެއް ނޯންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ހިންގާފައި ހުރި ހުރިހާ މުއާމަލާތެއްގެ ލިޔެކިޔުންތައް ފެންނަން ހުންނާނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އޭނާއަށް ޔަގީންކަމާއި އެކު، ކޮވިޑާއި ގުޅިގެން ކުރާ އެއްވެސް ހަރަދެއްގައި އޮޅުވާލުމެއް ނޯންނެކަން ބުނެވޭނެ ކަމަށެވެ.
“ ކޮރަޕްޝަންގެ އިނގިލި ދިއްކުރާނެ ޖާގައެއް ނޯންނާނެ. ކޮންމެ އޮފީހަކަށް ވަދެ ބެލިޔަސް އެ ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ. އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވާލަން އެނގޭ އެއްވެސް ފެސިލިޓީއެއް މެނޭޖްކުރުމުގައި ކޮރަޕްޝެއް ނުހިމެނޭނެ“ އަލީ ވަހީދު
”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވަރަށް ގިނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެކެވޭ ކަމަށެވެ. ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ރިސޯޓުތަކުގެ، ލީސް އެގްރީމަންޓް ސަސްޕެންޑް ކުރެވިފައިވާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތީން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ފައިސާ ހަރަދުކުރަނީ ދުވާލެއްގެ މައްޗަށް ބޮލަކަށް 700 ރުފިޔާގެ ރޭޓުންނެއް ނޫން ކަމަށެވެ. އެއީ، ކޮޓަރީގެ އަގު ކަމަށާއި ބައެއް ފަހަރަށް ކޮޓަރިތަކުގައި އާއިލާތައް ތިބޭ ފަހަރުވެސް އަންނާނެ ކަމަށެވެ. އަދި އެ އަދަދަކީ ހުރިހާ ކަމަކަށް ހޭދަވާ ހަރަދުގެ ގޮތުގައި އަލީ ވަހީދު ވިދާޅުވިއެވެ.

