ކޮންމެ ހަފްތާއަކު ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުން ނުބާއްވައި ދެ މަސް ވެއްޖެއެވެ.
މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނު މީޑިއާއާ ބާއްވަމުން އަންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ގާތްކުރުމަށް ޓަކައި، މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމުގެ ގޮތުން، މި އަހަރުގެ މާރިޗު މަހުން ފެށިގެން، އާންމު އުސޫލެއްގެ މަތިން، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ސީދާ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ހަފްތާއަކު އެއް ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަކީ އެކަމަށް ނޫސްވެރިންގެ ޑިމާންޑެއް ވެސް ނެތި އެމަނިކުފާނު އަމިއްލަފުޅަށް ވައުދުވެވަޑައިގެންނެވި ކަމެކެވެ. އެހެންނަމަވެސް، އެ ފަހުން ވެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ގަވައިދުން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާފައި ނުވާއިރު، އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މީގެ ދެ މަސް ކުރިން ޖޫން 29 ވަނަ ދުވަހުއެވެ.
ދެ މަސް ފަހުން، އޮގަސްޓް 31 ވީ ހޯމަ ދުވަހު އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވުގެ ބަދަލުގައި ދައުވަތު ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލުތަކެއް ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތަކަށެވެ. އެމަނިކުފާނު ބިލުތައް ތަސްދީގުކުރައްވާ މަންޒަރު ނޫސްވެރިން ބަލާލުމަށެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ މި އަހަރުގެ މާޗް ދެވަނަ ދުވަހުއެވެ. އެފަހުން އޮގަސްޓް 31ގެ ނިޔަލަށް 26 ހަފްތާ ހޭދަވެގެން ގޮސްފައިވާއިރު، ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ އެންމެ އަށް ހަފްތާގައެވެ. ބައްދަލުވުން ނުބާއްވަން 18 ހަފްތާއެއްގައި އެކި އުޒުރުތައް ދައްކަވާފައިވާއިރު، އެއީ ފާއިތުވި 26 ހަފްތާގެ 69 ޕަސެންޓެވެ.
ހަފްތާއަކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވާއިރު، އެވަރެޖުކޮށް މަހަކު ބާއްވާފައިވަނީ 1.3 ބައްދަލުވުމެވެ. އެގޮތުން މާޗް މަހު ތިން ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއިރު، އެއަށް ފަހު ފާއިތުވި ކޮންމެ މަހެއްގައި އެ އަދަދު ދިޔައީ ދަށަށެވެ. އޭޕްރިލް މަހު ދެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއިރު، މެއި މަހު ބާއްވާފައިވަނީ އެންމެ ނޫސްވެރިންގެ ބައްދަލުވުމެކެވެ. ޖޫން މަހު ދެ ނޫސްވެރިންގެ ބޭއްވިއިރު، މާޗު މަހު ހުންނެވި ފޯރި މަޑުމަޑުން ފަނޑުވެ، މިހާރު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވައި މިވީ ދެ މަހެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވި ތާރީހުތައް:
- މާޗް 2
- މާޗް 23
- މާޗް 30
- އޭޕްރިލް 20
- އޭޕްރިލް 27
- މެއި 11
- ޖޫން 1
- ޖޫން 29
މި އަހަރުގެ މާރިޗު މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކުވެސް ހަފްތާއަކު އެއްފަހަރު އެއްގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އެ ބައްދަލުވުންތަކުގެ ތާވަލު، ރައީސް އޮފީހުން ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެ ވައުދުފުޅާ އެއްގޮތަށް ވުޒާރާއެއްގެ މަސައްކަތާ ގުޅޭގޮތުން ވަޒީރަކު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޖުލައި 14 ވަނަ ދުވަހުއެވެ. އިކޮނޮމިކް މިނިސްޓަރު ސައީދު އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވި އިރު، ހަމަ އެ ދުވަހު މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފު ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވިއެވެ. ނަމަވެސް، އެފަހުން ދޮޅު މަސް ވެފައިވާއިރު، ވަޒީރުން ވެސް ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސައްކަތް ބައްޓަން ނުކުރައްވައެވެ.
ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަތެވެ. މީގެ ކުރިން މަރުކަޒީ ބޭންކުގެ ގަވަރުނަރަކު ރައީސް އޮފީހުގައި ވަޒީރުންނާ އެއް ހަމައެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވާއިރު، އެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެމްއެމްއޭގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި ސަރުކާރާއި ގަވަރުނަރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ކޮންމެ ހަފްތާއަކު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބާއްވަމުން ގެންދެވި ”ޕްރެސާ ވިތު ދަ ސްޕޮކްސް“ ޓީވީ ޝޯވ ވެސް ހުއްޓިފައި އޮންނަތާ މިހާރު ދެ މަސް ވެއްޖެއެވެ. އެންމެ ފަހުން އެ ޝޯވ ގެ އެޕިސޯޑެއް ބޭއްވީ ޖޫން 27 ވަނަ ދުވަހުއެވެ.
ދެފުށް ފެންނަ ގޮތަކަށް ސަރުކާރު ހިންގަވާކަމަށް ދެއްކެވުމުގެ ގޮތުން އަމިއްލަފުޅަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އިގްތިސާދީ ދަތިކަމުގެ ތެރެއަށް ގައުމު ވެއްޓި، ސިނާއަތްތަަކަށް ބޮޑެތި ނިޒާމީ ބަދަލުތައް ގެންނަ ފަދަ ނިންމުންތައް ސަރުކާރުން ނިންމަމުންދާއިރު، ރައީސް މުއިއްޒު ހުންނެވީ އެ ސުވާލުތަކާ ދުރަށް ވަޑައިގެންނެވެ.
ފާޑުކިޔުން އަމާޒުވެފައިވާ ނިންމުންތަކާ ކުރިމަތިލެއްވުމުގެ ބަދަލުގައި، ރައީސް އޮފީހުން ދައުލަތުގެ މީޑިއާއާ ގުޅިގެން ހިންގާ ޕޮޑްކާސްޓުތައް ގަވައިދުން ބާއްވަމުން ގެންދެއެވެ. އެމަނިކުފާނުގެ ވިސްނުންފުޅާ ފުށޫ އަރާގޮތަށް ތަފާތު ހިޔާލެއް ފާޅު ނުކުރާ އެ ޕޮޑްކާސްޓުތަކުގައި އެމަނިކުފާނު ދައްކަވަމުން ގެންދަވަނީ އަމިއްލަފުޅަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވަން ބޭނުންފުޅުވާ މައުލޫމާތު އެކަންޏެވެ.

