މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށްޓަކައި ކުރިއަށްގެންދާ ”ތިލަމާލެ ބްރިޖު“ މަޝްރޫއުގެ އަމަލީ މަސައްކަތާ މި ސަރުކާރުން ހަވާލުވީއިރު އޮތީ ގާތްގަނޑަކަށް ސުމެއްގައި ކަމަށާއި، ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލާނީ މި ސަރުކާރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.
މިއީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 6.74 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މި ބިޔަ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނާއި، އެ ގައުމުގެ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އޯގަސްޓް 2022 ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ނަމަވެސް އެކި ތާރީހުތައް ދެމުން ގޮސް، އޭރު މަސައްކަތް ދިޔައީ ވަރަށް ލަސް ސްޕީޑެއްގަ އެވެ.
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ބްރިޖުމަތިން މާލެއިން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންނެވުމަށްފަހު މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުންނާއި ޕޮޑްކާސްޓްތަކުގައި ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މާލެއާއި ވިލިމާލެއާ ދެމެދު ތަނބުތަކެއް ޖެހުން ފަދަ މާބޮޑު އަމަލީ މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އެހެންނަމަވެސް، އިންޑިއާ ސަރުކާރާއެކު ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، މިހާރު މަޝްރޫއުގެ ސްޕީޑް ވަރަށް ބޮޑަށް އަވަސްކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފެށި މި މަޝްރޫއުގެ ތާރީހަށް ބަލާއިރު، މަސައްކަތް ނިންމަން އެކި ތާރީހުތައް ދިން ނަމަވެސް މަސައްކަތް އޮތީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސް ހުއްޓިފައި ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުގައި، މާލެއާއި ވިލިމާލެއާ ދެމެދު އެކަށީގެންވާ ގޮތެއްގައި އެއްވެސް މުހިންމުމަސައްކަތެއް ކުރެވިފައި ނެތްކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މި ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ފެށީ ހަމަ ސުމަކުންކަމަށް ބުނެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބްރިޖުގެ މަސައްކަތްތަކާއި ގުޅޭގޮތުން ”ސަންގު“ އިން ފައްޔާޒުއަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދޭން އޮތް ހަމައެކަނި ޖަވާބަކީ ”ނެކްސްޓް ޖޯކް، ޕްލީޒް“ ކަމަށެވެ. އަދި އެ މައުޟޫއުގައި އިތުރަށް ދައްކަވާނެ ވާހަކައެއް ނެތްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސްޕީޑު އަވަސް ކުރުމަށް ސަރުކާރުން އެކި މަރުހަލާތަކުގައި މަސައްކަތްކޮށްފައިވާނެ އެވެ. އެގޮތުން 2023 ވަނަ އަހަރު ދުބާއީގައި ބޭއްވި ކޮޕް-28 ސަމިޓުގެ ހަވާސާގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެވުނުކަން ފާހަގަކުރެއްވި އެވެ. އަދި އެ ބައްދަލުވުމަށްފަހު އުފެއްދި މަތީ ފަންތީގެ ޖޮއިންޓް ކޮމިޓީގެ މަސައްކަތްތަކާއެކު، ޕްރޮޖެކްޓުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިކުރެވުނުކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެއަށްފަހު މިދިޔަ ހަފުތާގައި މާލެއާއި ވިލިމާލެއާ ދެމެދުގެ ހުރިހާ ޕްރީ-ކާސްޓް ސެގްމަންޓްތަކެއް ގުޅުވާލައި، ދެ ރަށް ވަނީ އެއްގަމު މަގުން ގުޅާލެވިފައެވެ. ރައީސް ވިދާޅުވީ، މިހާރު މިދާ ބާރުމިނުގައި މަސައްކަތް ކުރިއަށް ގެންގޮސް، އަންނަ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖުގެ ފެންވަރާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ސަބަބަކީ، ކުރިން ސިނަމާލެ ބްރިޖުގެ ކޮލިޓީވެސް ބެލެހެއްޓި، ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް އިންޖީނިއަރިން ކުންފުނި ކަމަށްވާ ”އާރޫޕް“ އިން މި ބްރިޖުގެ ކޮލިޓީ ކޮންޓްރޯލް ބަލަހައްޓަމުން ގެންދާތީއެވެ.

