އެމްޑީޕީގެ ހުސްވެފައިވާ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އައްޔަންކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ ގައުމީ މަޖިލީހުގައި އެމްޑީޕީގެ ނައިބު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ، ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް ނަޝީދެވެ. ޝިފާޒު އެ މަގާމަށް އައްޔަންކުރަން ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ތާއީދާއެކުގައެވެ.
އެމްޑީޕީގެ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢަބްދުﷲ މިދިޔަ ބުދަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދަށް އަޙްމަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ، އޭނާ މަގާމުން ދުރުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޗެއާޕާސަނުންނާއި ޑެޕިއުޓީ ޗެއާޕާސަނުންނަކީ އިންތިޚާބުތަކުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ ބޭފުޅުންނެވެ.

