ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ކޮޓަރިތައް ވިއްކުމުގައި މެދުވެރިއަކަށްވާ ބޭރުގެ އެޖެންސީތަކާއި ބުކިން ޕްލެޓްފޯމްތަކުގެ މައުލޫމާތު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ވިޔަފާރިތަކަށް އަންގައިފިއެވެ.
މީރާއިން އިއްޔެ ވިޔަފާރިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އިއްޔެ ތަސްދީގުކުރި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގައި ދާއިމީ ތަނެއް ނުހުންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އޭޖެންސީތަކާއި ބެޑް ބޭންކުތައް ފަދަ ފަރާތްތައް މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ.
އެހެންކަމުން، އެ ގާނޫނުގެ ދަށުން ރަޖިސްޓަރީވާންޖެހޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރީކޮށްފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން 6 ސެޕްޓެމްބަރުގެ ކުރިން މީރާގެ އިންފޮމޭޝަން ސަބްމިޝަން ޕޯޓަލް މެދުވެރިކޮށް އެ އެޖެންސީތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ސާކިއުލާގައި އަންގާފައިވެއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި ވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމާތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި އޮވަސީސް ޓްރެވަލް އެޖެންޓުތަކަކީ ރާއްޖޭގައި ތިބޭ ފަރާތްތަކެއް ކަމުގައި ނުވާތީ އެ ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާނީ އެކަމާ ގުޅިގެން އެ ފަރާތްތަކާއި މީރާއާ ގުޅިގެން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެން ކަމަށެވެ.
އެ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް އޯވަސީސް ޓްރެވަލް އޭޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާއާއެކު އަހަރަކު މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

