ރޭ އެމްޑީޕީން ބޭއްވި ކުއްލި މުޒާހަރާ ނިމުނު ފަހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު މ. ދިމްޔާތު ކައިރީގައި ބޭއްވި ކުއްލި މުޒާހަރާ ނިމުނު ފަހުން މަގުމަތިން ކަމަށެވެ.
އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް މިއަދު ގެންގޮސްފައިވާއިރު، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފައެވެ.
އެމްޑީޕީން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރި ކޯޓު އަމުރުގައި އޮތީ ހުކުރު ދުވަހުގެ ރޭ ޗާންދަނީ މަގުގައި އެމްޑީޕީން ކުރި މުޒާހަރާގައި މަގު ބަންދުކޮށްފައި ވަނިކޮށް އޭނާ ބެރިކޭޑު ދުރަށް ޖެއްސި ކަމަށެވެ.
މީޑިއާތަކާ ހިއްސާކުރި މެސެއްޖެއްގައި ފުލުހުން ބުނެފައިވަނީ މައިމޫން ހައްޔަރުކުރީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމެއްގައި ހަމަނުޖެހުން ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި މަގު ބަންދު ކުރުމަށް ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ވަން މައްސަލައިގައި ކަމަށެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން އެ ޕާޓީން ސީދާ ހަރަކާތަށް ނުކުންނަން ޕާޓީގެ ޗެއާޕާސަން، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައިވެއެވެެ.

