ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގޮތަށް ބަލާއިރު، ބަލި ޖެހޭ ގިނަ މީހުންގެ އެއްވެސް އަލާމާތްތަކެއް ނުހުރެދާއިރު ބައެއް މީހުންނަކީ، އެ މީހުންނަށް ނޭނގި ބަލި ޖެހި ރަނގަޅު ވެފައި ތިބޭ މީހުންނަށް ވެދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޭސްތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ. ބައެއް މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވް ވާ މީހުންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ރޯގާގެ އަލާމާތްތަކާއި އެކު ބައްޔަށް ޕޮޒިޓިވް ވާ މީހުންނާއި، އެއްވެސް އަލާމާތެއް ނެތި ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ދެމެދުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އަލާމާތެއް ނެތި ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 41 އިންސައްތައެވެ. އަދި އަނެއް ނިސްބަތަކީ ރޯގާގެ އަލާމާތްތައް ހުންނަ މީހުން ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ، މި އަދަދުތަކުން އެނގޭ ގޮތުން ރާއްޖޭގައި ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ ވަރަށް ކުޑަކޮށެވެ. ނުވަތަ ”މައިލްޑް“ ކޭސަސް ގެ ގޮތުގައެވެ.
”ހަގީގަތުގައި މިއުޅެނީ އޭ ސިމްޕްޓަމެޓިކް އަދި ސިޕްމްޓަމެޓިކްގެ އަދަދު ހަމަ އެއްވަރަކަށް. އެއީ 41 ޕަސަންޓް މީހުން އެއީ އޭ ސިމްޕްޓަމެޓިކް އަދި ސިމްޕްޓަމެޓިން މީހުން އެއީ 59،“ ޑރ. އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ މީގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް އަލާމާތެއް ނުފެނި ބަލިން އަމިއްލައިން ރަނގަޅުވާ މީހުން ކަމަށެވެ. އަދި ހަށިގަނޑަށް މާ ބޮޑެތި އަސަރުތަކެއް ނުކުރި ނަމަވެސް އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހެމުންދާނެ ކަމަށެވެ.
މިހެން ދިމާވުމުގެ ސަބަބެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ އެއްވެސް އަލާމާތެއް ނެތް މީހުންގެ އިމުނިޓީ ނުވަތަ ދިފާއީ ނިޒާމް ވަރުގަދަ ވުމެވެ. ނަމަވެސް، ބަލި އިތުރުވެ، ސީރިއަސް ވާ ފަދަ ހާލަތަކަށް ދިއުމުން ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވަމުންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަލާމާތްތައް ނުފެނި ބަލި ފެތުރުމުން ދިމާވާނެ ގޮންޖެހުމެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވީ ބަލި ހުރި މީހަކު ދެނެގަތުމެވެ. އަދި މިފަދަ ކޭސްއެއް ފާހަގަ ކުރެވޭނީ ސަވައިލެންސްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައެއް ހައިރިސްކް އޭރިއާތަކުން މިފަދަ ސާމްޕަލްތައް ނެގޭނެ ކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ވަކިވަކި ތަންތަނުން ވެސް ސާމްޕަލްތައް ނެގޭނެކަމަށް ވިދާޅުވިއެވެ. އަދި ޑރ. އަފްޒަލް ވިދާޅުވީ ބަލި އެންމެ ހަލުވި ސްޕީޑެއްގައި މިވަގުތު ފެތުރެމުންދަނީ މާލެއިން ކަމަށް ވީތީ، މި މަސައްކަތް ވަރަށް ފުޅާކޮށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
ކޮރޯނާ ވައިރަހާއި ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، މި ބަލި ޖެހި ރަނގަޅުވާއިރު ވެސް ގިނަ މީހުންނަށް ނޭނގެއެވެ. އަދި އެ މީހުންގެ ފަރާތުން ބަލި ޖެހޭ ބައެއް މީހުންނަށް އޭގެ އަސަރު ބައެއް ފަހަރު ވަރަށް ބޮޑުކޮށް ވެސް ކުރެއެވެ.

