ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މިނިސްޓްރީގައި ރޯކޮށްލި މީހުން ފުލުހުންނަށް އެނގޭނެ, ފިޔަވަޅު ނާޅަނީ ރައީސްގެ އަރިސް ބަޔަކަށް ވާތީ: ޔާމީން

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން މިނިސްޓްރީގައި ރޯކޮށްލި މީހުން ފުލުހުންނަށް އެނގޭނެ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއައި ގާތް ބައެއް ކަމަަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވައިފިއެވެ.

ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވަނީ ތިން މިނިސްޓްރީގައި ރޯވި ހާދިސާއާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެ ތަނުގައި ރޯކޮށްލި މީހާ ފުލުހުންނަށް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެތަނުގައި ރޯކޮށްލި މީހާއަކީ ރައީސް މުއިއްޒުއާއި ކިހާ ގާތް މީހެއް ކަންވެސް އެނގޭ ކަމަށާއި އެހެންނަމަވެސް އެކަމުގައި މައްސަލަ ބަލަންވެސް ފުލުހުން ބޭނުންނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ފުލުހުން އަތުގައި އެ މައުލޫމާތު ހުރެމެ ފިޔަވަޅު އަޅަން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒު ފޯރުވައިގެން މަސައްކަތްކުރާ ބައެއް ކަމަށެވެ. ޔަމީން ވިދާޅުވީ މެމްބަރުންނަށް 50،000 ރުފިޔާ ރައީސް ދޭ ކަމަށާއި، އެކަން އެހެން ކުރަނީ ކޮންމެވެސް ބޮޑު މަސައްކަތެއް މަޖިލީހުގައި ތިބެގެން ކުރުވަން ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާއަކު ކޯޓުން ބޭރުން ހަމައެކަނި ވަކިކުރެވޭނެ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ޔާމީން ވިދާޅުވިއެވެ. އެހާ ބޮޑެތި ބާރުތަކެއް އެމީހުންނަށް ދިނުމަށްފަހު މެމްބަރުންނަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ ބުނުމުން، ރައްޔިތުން އެމީޙުންނަށް މާބޮޑަށް އިހުސާންތެރިވަނީ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ, މިއަދުގެ ހާލަތާއި ޑޮލަރުގެ ދަތިކަމާއި އެފަދަ އެތައް ކަމެއް ހިނގައި ގޮސްފައިވާއިރު، މަޖިލީހުގައި ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިޔަފާރި ކުރާ މީހުން ތިބި ކަމަށާއި އަދި ސާފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުންވެސް އެބަ ތިބި ކަމަށެވެ. އެހެންކަމުން އެމީހުން ތިބީ ރައީސް މުއިއްޒުއާއެކު ގަދަކޮށް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

”އެމީހުން ތިބީ މުއިއްޒާއިއެކު ގަދަކޮށެއް ނޫން. ވަރަށް ރުޅިއައިސް ތިބީ. އެތާ މިހާރު އެ ހިންގަނީ ވަރަށް ސައިލެންޓޫކޮށް ހިނގާ އިންގިލާބެއް އެ ހިނގަނީ. ﷲ މިންވަރު ކުރައްވާށި، ދާދި އަވަހަށް މި ހާލަތު ބަދަލު ވެގެންދާތަން އަޅުގަނޑުމެން ބަލަން ތިބޭނަން،“

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި މެދު އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ޔާމީން ފާޙަގަކުރެއްވީ ނޫސްވެރިން އަދާ ކުރަނީ ރައްޔިތުން އެމީހުންނަށް ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެކަން ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އަދި ބާރުވެރި ކުރުވަން ކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރެއް ހުންނަ ސަބަބަކީވެސް އެއީ ކަމަށް ޔާމީން ވިދާޅުވިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް އެންމެ ފުރަތަމަ އަރައިގަތީ މި ސަރުކާރުން ކަމަށް ވިދާޅުވެ ޔާމީން އައިކޮމްއިން ދާދި ފަހުން ރައީސް އޮފީސް ޖުރިމަނާ ކުރިކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ފަޟީހަތް ވެގެންދިޔައީ ރައީސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: