ކަންބޮޑުވުންތަކާއެކު އެމަނިކުފާނުގެ އަރިހަށް ދިޔަ އެންމެންގެ މައްސަލަތަކަށް ވަށާޖެހޭ ގޮތަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒުއާއި ވަކިން ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ މި ހަފުތާގެ ޕްރޮގްރާމުގައިވެސް ގިނަ ބަޔަކު ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކޮށްފައެވެ. އެގޮތުން، ރައީސްއާ ބައްދަލުކުރި ރައްޔިތުން މި ހަފްތާގައިވެސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލައާއި ސިއްހީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.
އެގޮތުން ރޭގެ ޕޮރޮގްރާމުގައި ބައިވެރިވި ރައްޔިތަކު ވަނީ އާސަންދައިގެ ހިދުމަތް ރާއްޖެއިން ލިބޭނަމަ ރާއްޖެއިން ބޭރުގައި ބޭސްފަރުވާކުރުމަށް ހޭދަކުރާ ފައިސާ ތަރައްގީގެ އެހެން ކަންކަމަށް ބޭނުންކުރެވިގެންދާނެކަން ފާހަގަކޮށްފައެވެ.
ސިއްހީ ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މުހިންމު ގިނަ ބަލިތަކަށް ބޭސްކުރެވޭ ގޮތް ހަދައިދިނުމާއި ރާއްޖެއިން ބޭރަށް ނުގޮސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތްތައް ހޯދައިދީ އެ އަމާޒަށް ވާސިލުވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއަށް މުވައްޒަފުން އިތުރުކުރަން ނިންމާފައިވާކަމަށާއި ހުޅުމާލެ ފޭސް 1 އަދި 2 ގައި ގެނެރަލް ޕްރެކްޓިސް ކްލިނިކުތައް ގާއިމުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ތި ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް. އާސަންދައިގެ އެހާ ބޮޑު ހަރަދެއް މިކުރަންޖެހެނީ ރާއްޖޭގެ އެންމެންނަށް. އަޅުގަނޑު ވަރަށް ބޮޑޮ އިސްކަމެއް މިދެނީ ހެލްތު ސެކްޓަރއަށް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ށ. އަތޮޅުގައިވެސް ފުނަދޫ އަދި އުނގޫފާރުވެސް ފާހަގަކުރެއްވި. މިހެން ގޮސް އެކި ރަށްރަށުގައި މުހިންމު ގިނަ ބަލިތަކަށް ބޭސްކުރެވޭ ގޮތް ހަދައިދިނުން. އޭގެ ބޭނުމަކީ ގިނަ ބަޔަކަށް ރާއްޖޭގައި އެ ފެންވަރުގެ ހިދުމަތް ރާއްޖެއިން ބޭރަށް ނުގޮސް ހޯދައިދިނުން.“ ރައީސް
ޕްރޮގްރާމްގައި ބައިވެރިވި އިތުރު ބައިވެރިޔަކު ވަނީ އޭނާގެ ފިރިމީހާ ނިޔާވުމުގެ ކުރިން ހިޔާ ފްލެޓު ލިބުނުކަމުގެ ލިޔުން ލިބިފައިވީނަމަވެސް ފިރިމީހާ ނިޔާވުމުން ފްލެޓު ނުލިބޭނެކަމަށް ބުނި މައްސަލައެއް ވެސް ރައީސަށް ދަންނަވާފައެވެ.
ރައީސް ވަނީ އެ ފަރާތްތަކުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމަށާއި އަދި އުސޫލުތަކާއި އެއްގޮތަށް އެކަން ކުރިއަށްދާ ގޮތް ބައްލަވާނެކަމަށް ވިދާޅުވެފައެވެ.
”ތިކަން އަޅުގަނޑު ބަލާލަދޭނަން. އުސޫލުތަކާއި އެއްގޮތަށް ތިކަން ކުރިއަށްދާނެ،“ ރައީސް
ޕްރޮގްރާމުގައި ބައިވެރިވި އިތުރު ފަރާތެއް ވަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާއިރުވެސް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބިފައިނުވާކަން ފާހަގަކޮށްފައެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދެއަހަރާއި ބައިގެ ތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ވަރަށް ގިނަ ޒުވާން ކުދިން އީސްޕޯޓްސްއަށް ޝައުގުވެރިކަން ހުރިއިރު އެކުދިންނަށް ރާއްޖޭގައި ރަނގަޅު ފުރުސަތުތަކެއް ނެތްކަން އިތުރު ބައިވެރިއަކު ފާހަގަކޮށްފައިވާއިރު ރައީސް ވަނީ އީސްޕޯރޓްސް ސްޓޭޑިއަމްއެއް އެޅުމަށް ބަޔަކު ހޯދުމަށް މިހާރު އިއުލާނުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ޕޭސްޓްރަކްޗާގެ ކަންބޮޑުވުން ފާހަގަކޮށް ކިޔަވައިގެން ތިބޭ ފަރާތްތަކަށް ރަނގަޅު އެކަށިގެންވާ މުސާރައެއް ނުލިބޭ ކަމަށާއި ވަޒީފާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ކަންބޮޑުވުންވެސް ރައީސްއާ ހިއްސާކޮށްފައިވާއިރު، ރައީސް ވަނީ ކޮންމެ ރައްޔިތަކުވެސް ހިއްސާކުރި ކަންކަމުގައި ހައްލުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި އެފަދަ މައްސަލަތައް އެމަނިކުފާނާ ހިއްސާކުރެއްވީތީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

