ސިޔާސީ މަގާމުތަކުގައި ތިބި މަތީ ފެންވަރުގެ 200 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން މިއަދު ތަރުޖަމާނުގެ ނޫސްވެރިންގެ ބައްދަލުވުން ”ޕްރެސާ އިތު ދަ ސްޕޮކްސް“އަށް ދިޔުމުން, ލައިވްނުކޮށް, ކޮފީ މޭޒެއްގައި ބޭއްވި ބައްދަލުވުމެއްގައި މުންދު ވަނީ އެހެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
އެގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅިގެން ”ސަންގުން“ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ, ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ ދަށުން ވަކި ކުރީ ސަރުކާރުގެ 15 މިނިސްޓްރީގެ ހަތަރު މަގާމެއްގައި ތިބި 205 އަށް ވުރެ ގިނަ މުވައްޒަފުން ކަމަށެވެ.
އޭގެ ތެރޭގައި ސަރުކާރުގެ މަތީ ފެންވަރުގެ މަގާމުތަކުގައި ތިއްބެވި، ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން އަދި ޕޮލިޓިކަލް ޑައިރެކްޓަރުން ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ވަކިކުރާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ އަދަދު މުންދު ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ ”ޕްރޮސެސް ނިމުމުން“ އެ ތަފްސީލު ދެއްވާނެ ކަމަށެވެ.
އެސްއޯއީތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް އިދިކޮޅުންވެސް ފާހަގަކުރަމުން ދާއިރު މުންދު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ވަކިކުރާ އެ މުވައްޒަފުންގެ ތެރޭގައި އެއްވެސް އެސްއޯއީތަކެއްގެ މުވައްޒަފުން ނުހިމޭނެ ކަމަށެވެ. އެހެންނަމަވެސް އެސްއޯއީތަކުންވެސް އެ ވަކިކުރާ މުވައްޒަފުންގެ ތަފްސީލް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ދޮޅު މަސް ދުވަސް ފަހުން މިއަދަށް ތާވަލު ކުރި މި ޕްރެސް ކެންސަލް ކުރީ “އަދަދު” ނޫހުގެ ނޫސްވެރިއެއް ޕްރެސް މާލަމުގައި ހުރުމުންނެވެ. ރައީސް އޮފީހުގެ ޕްރެސްތަކަށް އެ ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމާފައިވާއިރު، ތަރުޖަމާނުގެ ޕްރެސްތައް ބާއްވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ސްޓޫޑިއޯގައެވެ.
ލައިވްކޮށް ދައްކަން އުޅުނު ޕްރެސް ކެންސަލްކުރަން ޖެހުމާ ގުޅިގެން މުންދު އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރަސްމީކޮށް ބާއްވާ އެކި ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު އަރުވާ ގުރޫޕުގައި ނުހިމެނޭ، އަދި ”ޑްރާމާއި ފިލްމް ކުޅުމާއި ޢައިރުގާނޫނީ ކަންކަން ކުރުމުގައި އުޅޭ މީޑިއާގެ ތޮފި އަޅައިގެން އުޅޭ“ ނޫހަކުން މިއަދުގެ ޕްރެސްއަށް ހުރަސް އަޅާފައިވާ ކަމަށެވެ.
އަދަދު ނޫހުގެ ފަރާތުން ޕްރެސްއަށް ދިޔަ ލީވާން އަލީ ބުނެފައިވަނީ އެހެން ނޫސްތަކާ އެއްގޮތަށް, ޕްރެސްގައި ބައިވެރިވުމަށް އޭނާގެ ނަން ހުށަހެޅީ ރައީސް އޮފީހުން ދިން ވަގުތުގެ ތެރޭގައި ކަމަށެވެ.

