މުޅި މާލެ ބެލެހެއްޓޭ ފެންވަރުގެ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހެދުމަށް ސަރުކާރުން ނިންމާފައިވާކަން އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސައީދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން މިނިސްޓަރު ސައީދު ވަނީ މުޅި ސަރުކާރު ގުޅިގެން ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދަދޭނެ ވިޝަންއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ކަމަށާއި އެ ވިޝަންގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ކުރުމުގެ މަސައްކަތްކޮށް، ހުރިހާ ވަގުތެއްގައި މުޅި މާލެ މޮނިޓާކުރެވޭ ވަރުގެ ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ބޭރުގެ އެހީ ހޯދައިގެން ނަމަވެސް ވީހާވެސް އަވަހަކަށް އެ މަސައްކަތް ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ޓްރެފިކާ ގުޅޭ ކަންކަން ވީ އެންމެ ބޮޑަށް ޑިޖިޓަލައިޒްކުރާނެ ކަމަށާއި އެކަމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަން ސައީދު ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ، ޓްރެފިކްގެ މައްސަލައަކީ ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ސަރުކާރަށް އެކަނި ހައްލު ހޯދޭވަރުގެ މައްސަލައެއް ނޫން ކަމަށެވެ.
އެހެންކަމުން. މާލެއަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މާލޭގެ ވަކިވަކި މަގުތައް ބެލުމާއި ޒަމާނީ ވަސީލަތެއް ބޭނުންކޮށް ޓްރެފިކް ރީޑައިރެކްޓް ކުރުން ފަދަ އިންތިޒާމްތައް ޓްރެފިކް މޮނިޓަރިން ސެންޓަރުން ގާއިމްކުރާނެ ކަމަށެވެ. އެގޮތުން މުޅި ސަރުކާރު ގުޅިގެން މާލޭގެ ޓްރެފިކްއަށް ދިމާވެފައިވާ މައްސަލައަށް ހައްލުތަކެއް ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، ފުލުހުން ތިބެގެން، މާލޭގެ ވަކިވަކި މަގުތައް ބަލައި ޓްރެފިކް ރީޑައިރެކްޓް ކުރަން އެއްވެސް ކަހަލަ ޒަމާނީ ވަސީލަތެއް ބޭނުންކުރެވޭތޯ ބެލުމަކީ ވެސް އެ ސެންޓަރުން ކުރާނެ މަސައްކަތްތަކެވެ.
ޒަމާނީ ރީތި މަގެއްގެ ގޮތުގައި މާލޭގެ ބޭރުމަގު ތަރައްގީކޮށްފައިވާއިރު މާލޭގެ އެހެން މަގުތައްވެސް ތަރައްގީކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުގެ އެހީގައި ޒަމާނީ ފެންވަރަށް މަގުތައް ހެދިގެން އަންނަ އިރުގައި ޓްރެފިކް މައްސަލަތަކަށް ޒަމާނީ ފެންވަރަށް ހައްލު ގެންނެވުމަކީ ރައީސްގެ ވިޝަންއެއް ކަމަށް ސައީދު ވިދާޅުވިއެވެ.
”ދުނިޔޭގެ ނިސްބަތުން ބަލާއިރު މާލެއަކީ އެންމެ ކުޑަ ވެރިކަންކުރާ ސިޓީއަށް ވާއިރު ގްރޭޓާ މާލެ ސަރަހައްދާއެކީގައި މުޅި މި ސަރަހައްދަކީ ޖުމްލަ ގޮތެއްގައި ޓްރެފިކްގައި އެންމެ ބިޒީ ސަރަހައްދު. ލޭންޑެއް ނެތް، ލޭންޑް ކޮންޖެސްޓެޑް. މި ހުރިހާ މައްސަލައެއް މިހެން އޮތްއިރު މިއީ ރައީސް ވަރަށް އިސްކަމެއް ދެއްވާ ކަމެއް. ވީމާ އެމަނިކުފާނު ބޭނުންފުޅުވީ، ކަމާ ބެހޭ ހުރިހާ ފަރާތެއް ގުޅިގެން ވަށާ ޖެހޭ ހައްލެއް ހޯދަން،“ ސައީދު
އާ ގާނޫނުގެ ދަށުން ކުރާނެ އަނެއް މަސައްކަތަކީ ޓްރެފިކާ ގުޅޭ ކަންތައްތައް ވީހާވެސް ބޮޑަށް ޑިޖިޓަލްކުރުން ކަމަށާއި އެކަމަށް އެހެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި މުޅި ގާނޫނުގެ ސަބަބުން އަންނާނެ އެންމެ ބޮޑު ބަދަލަކީ އާންމު ފަރުދުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަމުގައި ވިދާޅުވިއެވެ.

