މާލޭގެ މަސްޖިދުލް ފުރްގާން ތެރެއަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކަނޑާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 4:41 ހާއިރުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 (02-13)، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ނައުޝާދަކީ މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކެއް ހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން، ފުރްގާން މިސްކިތުގެ ކަރަންޓު ބޯޑުތައް ހަލާކުކޮށްލުމާއި، ކީރިތި ޤުރުއާނުގެ ޚަތިމުތައް އުކާލައި މިސްކިތަށް ގެއްލުންދިން މައްސަލައެއްގައި މީގެ ކުރިން އޭނާ ހައްޔަރުކުރިއެވެ.
މީގެ އިތުރުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ތަކުރާރުކޮށް މިފަދަ ކުށްތައް ކުރާ މައްސަލައިގައި އެނާ ހައްޔަރު ކުރި ނަމަވެސް، އެއްވެސް މައްސަލައެއްގައި ދައުވާ ކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

