އެންމެ ގިނައިން ކަސްޓަމަރުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ އީކޮމާސް މުއާމަލާތް ހިނގަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ލިމިޓު ރީސެޓްވާ ގަޑި ބޭންކުން ހާމަކުރުމުން މިހާރު ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބުމާއެކު މި ޓްރާންސެކްޝަންތައް ފުރިހަމަވެ، ދުވާލަކަށް ކަނޑައެޅިފައިވާ ބަޖެޓް ހަމަވެއެވެ.
ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރެވެމުންދާއިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު، ލިމިޓް ރީސެޓްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވަނީ ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ބޭންކުގެ ސިސްޓަމް ތެރެއިން ހިނގަމުންދާތީއެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ދުވަހުގެ ލިމިޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދެއެވެ.

