މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު މާލެއަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ ޢިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުން އޮތީ ރަސްމީ ފާލަމުގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމެއްވެސް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން 21 ބަޑީގެ ސަލާމެއް އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި ދެގައުމުގެ ގައުމީ ލަވަ، އެމްއެންޑީއެފުގެ ބޭންޑުން ވަނީ ކުޅެފައެވެ.
ބޮޑުވަޒީރު އަންވަރަށް މަރުހަބާ ދެންވުމަށް ކެބިނެޓު ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭ ފަރާތްތައް އެ ސަރަހައްދަށް އެއްވެ ތިއްބެވެ. އަދި ރައީސް އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އޭގެ ފަހުން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުން ވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފައެވެ.
ބޮޑުވަޒީރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ފުރާ ވަޑައިގަންނަވާނީ މިއަދުއެވެ.

