ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހުގެ ސްޓޮކް ވަގުތުން ބެލެހެއްޓޭނެ ނިޒާމަކާއެކު، މައްސަލަތަކަށް ބޮޑު ހައްލެއް!

ޑރ. ޝާހު މާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޭސް އެތެރެކުރުމާއި، ބޭހުގެ ސްޓޮކް ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، ބޭސް އެކްސްޕަޔަރ ވުމުގެ ސަބަބުން ވާ އިސްރާފު ކުޑަކުރުމަށްޓަކައި ހާއްސަ ޒަމާނީ ނިޒާމުތަކެއް ގާއިމުކޮށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ހާމަކުރައްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަންގައި ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމުގެ ސަބަބުން ރާއްޖޭގެ ބޭހުގެ ވިއުގައަށް ބޮޑެތި އަދި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ޑރ. ޝާހު ވިދާޅުވި ގޮތުގައި މި އަހަރުގެ މާޗު މަހުން ފެށިގެން އަމަލީ ގޮތުން ބޭނުންކުރަން ފެށި އެންޓަރޕްރައިޒް ރިސޯސް ޕްލޭނިންގ (އީއާރްޕީ) ސިސްޓަމަކީ މުޅި ރާއްޖޭގެ ބޭހުގެ ސްޓޮކް އެއް ވިއުގައަކުން ބަލަހައްޓައިދޭ ވަރަށް މުހިންމު ނިޒާމެކެވެ. ޑރ. ޝާހު ވިދާޅުވީ، މި ސިސްޓަމްގެ އެހީގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ކޮންމެ ފާމަސީއެއްގައި ބޭސް ހުރި މިންވަރު ވަގުތުން ވަގުތަށް، ލައިވްކޮށް ބަލައިލެވޭނެ ކަމަށެވެ.

އެގޮތުން ޕެރަސިޓަމޯލް ފަދަ އާންމު ބޭސްތަކާއި އެހެނިހެން ޒަރޫރީ ބޭސްތައް ކޮން ސަރަޙައްދެއްގެ ކޮން ފާމަސީއެއްގައި ހުރީ ކޮން އަދަދަކަށްތޯއާއި، އެ ބޭސްތައް ބޭނުންކުރެވެމުންދާ ސްޕީޑާއި ރޭޓް ސިސްޓަމުން ސާފުކޮށް ފެންނަން ހުންނާނެކަމަށް ވިދާޅުވި އެވެ. މި މައުލޫމާތުތަކުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި ބޭހަށް ބޭނުންވާ މިންވަރު ދުރާލާ އފޯކާސްޓްކޮށް ރަނގަޅު ޕްލޭނަކާ އެކު ބޭސް އެތެރެކުރުމުގެ ފުރުސަތު ފަހިގެންވެގެންދާނެކަން ޑރ. ޝާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ބޭސް އެކްސްޕަޔަރ ވުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ވާ މާލީ ގެއްލުންތައް ކުޑަކުރުމަށް މި ސިސްޓަމަކީ ލިބުނު ވަރަށް ބޮޑު ހައްލެއްކަމަށާއި، ސިސްޓަމްގެ ތެރެއިން ކޮންމެ ބޭހެއްގެވެސް ބެޗް ނަންބަރާއި މުއްދަތު ހަމަވާ ތާރީހު ފެންނަން ހުރުމުގެ ސަބަބުން، ވަކި ރަށެއްގެ ފާމަސީއެއްގައި ބޭނުންނުކުރެވި ގިނަދުވަސްވާ ބޭސްތައް މުއްދަތު ހަމަވުމުގެ ކުރިން އެނގިގެންދާނެކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެ ބޭހަށް ބޭނުން ބޮޑު އެހެން ރަށަކަށް ނުވަތަ ހޮސްޕިޓަލަކަށް ސިސްޓަމް މެދުވެރިކޮށް އެ ސްޓޮކް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެކަމް ޑރ. ޝާހު ފާހަގަކުރެއްވި އެވެ.

އީއާރުޕީ ސިސްޓަމް ހޮސްޕިޓަލްތަކުގެ ނިޒާމާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަމަށް އިޝާރާތް ކުރައްވައި ޑރ. ޝާހު ވިދާޅުވީ، މީގެ ސަބަބުން ޑޮކްޓަރުން ބޭސް ސިޓީ ލިޔުއްވާއިރު، އެ ވަގުތަކު ފާމަސީން ލިބެން ހުރި ބޭސްތައް ޑޮކްޓަރުންގެ ކޮމްޕިއުޓަރު ސްކްރީނުން ފެންނާނެ ކަމަށެވެ. އަދި ޑޮކްޓަރު ލިޔުއްވަން ބޭނުންވާ ވަކި ބްރޭންޑެއްގެ ބޭހެއް ސްޓޮކްގައި ނެތް ހާލަތެއްގައި، އެއާ އެއް ފަރުވާއެއް ދެވޭނެ އެހެން ބޭސްތައް ސިސްޓަމުން ދައްކައިދޭނެކަމަށް ވިދާޅުވު އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޑރ. ޝާހު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ބޮޑެތި މަލްޓިނޭޝަނަލް ބޭސް ކުންފުނިތަކާ އެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ސަބަބުން ސީދާ ބޭސް އުފައްދާ ފަރާތްތަކުން ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި ރާއްޖެއަށް ލިބޭނެ މަގު ތަނަވަސްވެ، އަންނަ އަހަރުގެ ތެރޭގައި މި ބަދަލުތަކުގެ އެދެވޭ ހެޔޮ ނަތީޖާ މުޅި ރާއްޖެއިން ފެނިގެންދާނެކަމަށް ޝާހު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: