ސިޔާސީ ޕާޓީތަކަކީ އޭގެ ޒާތުގައި މިއަދު ޤާނޫނީ ބާރުވެރިކަން ލިބިފައިވާ ޕާޓީތަކެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ މިއަދު ރައްޔިތުން އެމީހަކު ބޭނުން ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީ ވުމުގެ ޝައުގުވެރިކަން އެބަހުރިކަމަށެވެ.
އެގޮތުން މިއަދު އެއްވެސް ރައްޔިތަކަށް ވަގަކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ, ރައްޔިތުމީހާއަށް ވަގަށް ސިޔާސީ ޕާޓީތަކަށް ވެއްދި ޒަމާން މިހާރު މާޒީވެ ހިނގައްޖެކަމަށެވެ.
ފަލާހު ވިދާޅުވީ މިއަދު ކޮންމެ މީހަކުވެސް ޕާޓީތަކަށް ވަންނަނީ އެމީހެއްގެ އަތުގައި އޮންނަ ފޯނުން އީފާސް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނަށް ވަދެގެންކަމަށެވެ.
”މިއަދު ކޮންމެ ބޭފުޅަކުވެސް ސިޔާސީ ޕާޓީތަކަށް ވަންނަނީ އަދި ނިކުންނަނީވެސް އެބޭފުޅެއްގެ އަތުގައި އޮންނަ ފޯނުން އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ވަދެ, އަދި އެބޭފުޅަކު އަމިއްލައަށް ޕާޓީން ވަކިވެގެންދާނީވެސް“ ފަލާހު
މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 12,000 މެމްބަރުން ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ރަޖިސްޓްރީ ވެފައިވާކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީއެއް އުފައްދާ ބަޔަކަށްވެސް މިއަދަދާއި ގާތްކުރާ މިންވަރަށްވެސް މެންބަރުން ހަމަ ނުކުރެވޭނެކަން މިއަދަދުންވެސް ހާމަވެގެންދާކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުން ކަމަށް ފަލާހު ވިދާޅުވިއެވެ.
”ޕާޓީގެ ރައީސްގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެއްލައްކަ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީއަކަށް ޕީއެންސީވުން“ ފަލާހު
ފަލާހު ވިދާޅުވީ ޕީއެންސީއަށް ވަންނަ މީހުން އަނބުރާ ޕާޓީ ދޫކޮށް ނުދާކަމީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އެގޮތުން ޕާޓީ ދޫކޮށް ނުދަނީ ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތައް ކަމުދާތީކަމަށް ފަލާހު ވިދާޅުވިއެވެ.
މިރޭ ބޭއްވިގެންދާ ޕީއެންސީގެ ކޮންގްރެސްއަކީ 1300 މެމްބަރުންގެ މައްޗަށް އެކުލެވޭ ވަރަށް ތާރީހީ ކޮންގްރެސްއެއް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މިއަދު ފާސް ކުރި އެ ޕާޓީގެ އަސާސީ ގަވާއިދަކީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކަށް، އެންމެ ގިނަ ރައްޔިތުންގެ ވޯޓު ލައިގެން ފާސްކުރެވުނު އަސާސީ ގަވާއިދުކަންވެސް ފަލާހް ފާހަގަކުރެއްވިއެވެ.

