ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުން ހޮވުމަށް އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
މި އިންތިހާބަށް ވޯޓުގެ ރަނގަބީލު ޖައްސަވައި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާނީ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އަދި ވޯޓުލުމަށްޓަކައި ކޮންމެ ބޭފުޅަކަށް ވެސް ދެވުނީ 7 މިނެޓުގެ ވަގުތެއްކަމަށާއި، އެޕްލިކޭޝަން މެދުވެރިކޮށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވި އެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި މި މަގާމުތަކަށް ހޮވަންޖެހޭ އަދަދަށްވުރެ ގިނަ ބޭފުޅުން ވަނީ ވާދަކުރައްވާފައެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ވަރުގަދަ ލީޑަރުންނާއި، ތަޖުރިބާކާރު ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި އިންތިހާބުގައި ނާކާމިޔާބުވާ ދެ ކެންޑިޑޭޓުންނާ މެދު ވެސް ޕާޓީގެ ހިތުގައި އޮތް ލޯތްބާއި ގަދަރު އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދޭކަމަށް ފަލާހު ވިދާޅުވި އެވެ.
އިންތިހާބަށް ފަހު، ނިކުންނަ ނަތީޖާއާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އިންތިހާބަށް ފަހު މިއަދުގެ މެންދުރުފަސް 14:00 ގެ ކުރިން އިންތިހާބީ ކޮމިޓީއަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޝަކުވާތައް ހަވާލުކުރަންޖެހެނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީއާ ކަމަށާއި، ހުށަހެޅޭ ޝަކުވާތަކަށް ބެލުމަށްފަހު މިއަދު ހަވީރު 16:00 ގެ ފަހުން ޖަވާބު ދެވޭނެ ކަމަށް ވެސް ޕީޖީ ލީޑަރު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، އެއްވެސް މައްސަލައެއް އުޅޭނަމަ އެ ފަރާތަކަށް ހައްގު ލިބިގެންދާނެ ކަމަށާއި، އެކަން މިއަދުގެ އިރުއޮއްސި 18:00 ގެ ކުރިން އަންގަވާނެ ކަމަށެވެ.
މިރެއަކީ ވަރަށް ހާއްސަ ރެއެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، މި އިންތިހާބުން ހޮވޭ ނައިބު ރައީސުން، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ އިގުރާރުވުން މިރޭ އޮންނާނެ ކަމަށެވެ.

