ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅީ ގަރާރު ފާސްކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްއަށް މި ގަރާރު ހުށަހަޅާފައި ވަނީ ޕާޓީގެ މެމްބަރު އަބްދުﷲ އިބްރާހީމެވެ. އޭނާ ހުށަހެޅި ގަރާރުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަންކަން ފާހަގަކުރުމުގެ ގޮތުން އެމަނިކުފަނަށް ޕްރައިމެރީއަކާއި ނުލައި ޓިކެޓު ދޭން ޖެހޭ ކަމަށެވެ.
މި ގަރާރު މިއަދު ފާސްކުރީ، ކޮންގްރެސްގަައި ބައިވެރިވި 1119 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ދައްކަވަމުން ގެންދަވަނީ ރައްޔިތުންނަށް އޯގާތެރި، ޢަދުލުވެރި އަދި ނަމޫނާ ހިންގުންތެރި ވެރިކަމެކެވެ. އެގޮތުން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ފަދަ ގައުމީ ބޮޑެތި މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންކަމަށް ވެއެވެ.
ގަރާރުގައި ބުނެފައި ވަނީ ގައުމުގެ ސިޔާދަތާއި މިނިވަން ކަށަވަރު ކުރުމަށް ރައީސް ނަމޫނާ ދެއްކެވި ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު އިތުރުކުރައްވައި، ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ރާއްޖޭގެ ފަސްގަނޑުގައި ނެތްކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައިކަމަށް ބުނެފައި ވެއެވެ. މިއީ ”ދިވެހީންގެ ރާއްޖެ“ ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގަރާރުގައި ފާހަގަކުރި އެވެ.
މީގެއިތުރުން، ގަރާރުގައި ބުނެފައި ވަނީ ރައީސް މުއިއްޒު ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅުއްވަމުން ގެންދަވާ ހަރުދަނާ އިސްލާހީ ފިޔަވަޅުތަކާއި، ރައްޔިތުންނަށް ދަތިނުވާނޭހެން ގައުމުގެ ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމަށެވެ.
އިގްތިސާ ސިންދަފާތު ކުރުމުގެ ގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ޒަމާނީކުރުމާއި، ބައިނަލްއަގްވާމީ ވިޔަފާރީގެ މައި މަރުކަޒަކަށް ރާއްޖެ ހެދުމަށް ބައިނަލްއަގްވާމީ ބަނދަރުތައް ތަރައްގީ ކުރުމާއި، ޑިޖިޓަލް އިގްތިސާދާއި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތްތައް ކާމިޔާބު ކުރައްވާފައިވަކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
ހަމައެއާއެކު، ޒުވާނުންނާއި އަންހެނުން އިގްތިސާ ގޮތުން ބާރުވެރިކުރުވުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ”ރަސްމާލެ“ ފަދަ ބިޔަ މަޝްރޫއުތައް ފެށުމާއި، ސިއްހީ ދާއިރާ ތަރައްކުރުމާއި، އިސްރަށްވެހިންނަށް ހައްގު ގަދަރާއި ރައްކާތެރިކަން ހޯދައިދިނުމުގައި ދައްކަވާ އިސްނެންގެވުމަކީ ގައުމަށް ނަމޫނާއެއް ކަމަށެވެ.
މި ގަރާރުގައި އިތުރަށް ބުނެފައި ވަނީ ރައީސް މުއިއްޒަކީ ދިވެހި ގައުމިއްޔަތާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި، ދިވެހި ގައުމު އިސްކުރާ ޚާރިޖީ ސިޔާސަތެއްގެ ދަށުން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެންކަމުން މިހުރިހާކަމަކަށް ބަލައި، ރައީސް މުއިއްޒުގެ ކާމިޔާބީ ފާހަގަކޮށް އެމަނިކުފާނަށް ޕްރައިމެރީއަކާއި ނުލައި 2028 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ޕްރައިމެރީއަކާއި ނުލައި ދޭން ޖެހޭކަމަށް ހުށަހެޅި އެވެ.
މި ގަރާރު ހުށަހެޅުމުން ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބައްދަލުވުން ފެށީ މި ފަދަ ހުށަހެޅުމެއް އައިސްދާނެކަމަށް ބަލައިގެން ނޫންކަމަށެވެ. ނަމަވެސް ގަރާރެއް ހުށަހެޅޫމުން އަސާސީ ގަވައިދު ބުނާ ގޮތަކީ، އެއަށް ބަހުސްކޮށް ވާހަކަ ދެއްކުންކަމަށް ވިދާޅުވި އެވެ.
ބަހުސް ކުރިޔަށް ގެންދިޔަ އިރު، މި ގަރާރަށް ތާއީދުކޮށް ޕާޓީގެ ގިނަ މެމްބަރުން ވާހަކަ ދެއްކެވި އެވެ.

