ވިޔަފާރި އާއި ގުޅޭ ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
މި ކަން ބަޔާންކޮށް އިކޮނޮމިކް މިނިސްޓްރީން ހުކުރުވިލޭރޭ ނެރުނު އިޢުލާނެއްގައި ބުނީ، އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން، ހުކުރުދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގޮތުން އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެތެރޭގައި، ވިޔަފާރީގެ ނަން ފާސްކުރުމާއި، ވިޔަފާރީގެ ނަން ރަޖިސްޓްރީކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކުންފުނި ރަޖިސްޓްރީކުރުން ވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި، ކުދި ފަންތިއާއި، މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާއި، ލޯގޯ ރަޖިސްޓްރީކުރުމާއި، ސީލް ރަޖިސްޓްރީކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ޚިދުމަތްތަކުގެ އިތުރުން، ޓްރޭޑްމާރކް ރަޖިސްޓްރީކުރުމާއި، ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމާއި، ކުންފުނި/ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުމާއި، ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުމުގެ ޚިދުމަތްތައް ލިބޭނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ވިޔަފާރިއާގުޅޭ ޚިދުމަތްތަކަށް އެދުމަށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާނީ، އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv ނުވަތަ އީމެއިލް އެޑްރެސްcompany@trade.gov.mv މެދުވެރިކޮށްކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރިގޮތުގައި، ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން، މެންދުރުފަހު 14:00 އާއި ހަމައަށް އެ މިނިސްޓްރީގެ ލައިވް ޗެޓާއި، ކޯލްސެންޓަރ 1691 މެދުވެރިކޮށް މި ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، 1691@trade.gov.mv މެދުވެރިކޮށް މެއިލް ކުރުމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

