ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލްކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ،އެޕްރީލްމަހުގެ 15 ވަނަ ދުވަހުން ފެށިގެން، މާލޭސިޓީ ލޮކްޑައުން ކޮށްފައިވީ ނަމަވެސް، ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމަށާއި، އެކިއެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް 24 ގަޑިއިރު ވެސް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން ބުނީ، 15 އޭޕްރީލުން ފެށިގެން މެދުކެނޑިފައިވަނީ ޝަރީޢަތުގެ އަޑުއެހުންތައްކަމަށެވެ.
ނަމަވެސް، ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހުންގެމައްސަލަތަކުގެ ތެރެއިން ކޯޓަށް މީހަކު ޙާޟިރުނުކޮށް، ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިން ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ފެށުމަށް ނިންމާފައިވާކަމަށެވެ.
މި އުސޫލުގެ ދަށުން ޝަރީޢަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވާނީ، މި މަހުގެ 10 ފެށިގެންކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މި ގޮތުން، އަޑުއެހުންތައް ކުރިއަށްގެންދާނީ، ސްޕްރީމް ކޯޓުގެ ސަރކިއުލަރއިން ޝާއިއުކޮށްފައިވާ، ”ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްސަ ގަވާއިދު“ ގައިވާ ގޮތުގެ މަތިންކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މި ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައިވާ ފަދައިން، ވީޑިއޯގެ ޒަރީޢާއިން އަޑުއެހުންތައް ކުރިއަށް ގެންދަން ދައުވާލިބޭ މީހުން ރުހޭތޯ އޮޅުންފިލުވާނެކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
އަދި އެމީހަކު އެ ކަމަށް ރުހޭނަމަ، އެ ވާހަކަ މަޙްޝަރުކުރުމަށްފަހު، އަޑުއެހުން ކުރިއަށް ގެންދާނެކަމަށާއި، ނުރުހޭނަމަ ގަވާއިދުގައިވާ ގޮތުގެމަތިން އަޑުއެހުން ވަގުތުން ހުއްޓައިލާނެކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.
މި ގޮތަށް ނިންމަންޖެހޭ ސަބަބު ބަޔާންކުރައްވަމުން ކުރިމިނަލް ކޯޓުންބުނީ، ޤާނޫނުއަސާސީގެ 51 މާއްދާގެ (ޅ) ގައި ”އެމީހެއްގެ ހާޟިރުގައި ޝަރީޢަތްކުރުން“ މިއީ، ދައުވާލިބޭ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުން ބުނީ، މި ޙައްޤައް ހަނިކަމެއް ގެނެވޭނީ، ރައްޔިތުންގެ މަޖިީލީހުން ފާސްކުރާ ޤާނޫނަކުން ކަމަށްވެފައި، މިއަދާއި ހަމައަށް އެ ޤާނޫނަށް ހަނިކަމެއް ގެނެސްފައިނުވާތީ، ދަޢުވާލިބޭ ފަރާތް ފަނޑިޔާރުގެ ކުރިމަތީގައި ހާޒިރުވެ ނެތް ހާލަތެއްގައި ޝަރީޢަތް ކުރިއަށް ނުގެންދެވޭނެތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށްގެންދިއުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، އެ ކޯޓުގެ މުވައްޒަފުން ގޭގައި ތިބެގެން މިހާރު ކުރަމުންދާ ކަމަށެވެ.
މި ގޮތުން، ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، އެހެނިހެން އިދާރީ މަސައްކަތްތަކާއި، ނުލިޔެވި ހުރި ރެކޯޑިންގތައް ލިޔުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓު ހެދުމާއި، ކުށުގެ ރެކޯރޑް ސާފުކޮށްދިނުމާއި، ރެޖިސްޓްރޭޝަން މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

